ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާއިއެކު މެދުވެރިވެފައި މިވާ ހާއްސަ ހާލަތުން އަރައިގަތުމަށް އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަމަށާ، ދޭދޭ ގުޅުން އިތުރަށް ވަރުގަދަކުރުން މުހިންމު ކަމަށް ދިވެހިރާއްޖެއާއި ސްރީލަންކާގެ އިސް ލީޑަރުން އިއްތިފާގުވެވަޑައިގެންފިއެވެ.

މުޅި ދުނިޔެއަށް ކުރިމަތިލާންޖެހިފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މިއަދު ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ ފޯނުން ގުޅުއްވައިގެން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ކުރިއަށް ގެންދެވި މަޝްވަރާތަކުގައި، ދެކުނު އޭޝިއާ ސަރަހައްދަށް ކުރިމަތިވާ ދަތިތަކުން ސަލާމަތްވުމަށް ސަރަހައްދުގެ ގައުމުތައް ގުޅިގެން އެކުގައި މަސައްކަތްކުރުމަށް ބާރުއަޅުއްވާ، ދެގައުމުގެ އިސް ލީޑަރުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މިއަދު ހެނދުނު ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަފުޅުގައި، ދެ ބޭފުޅުންވެސް ވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ މި ނުރައްކާތެރި ހާލަތުން އަރައިގަތުމަށް ދެ ގައުމުންވެސް އަޅާފައިވާ އަދި އަޅަމުންގެންދާ ހަރުދަނާ ފިޔަވަޅުތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ދުވަސްތަކުގައި ކޯވިޑް-19 ބަލި ބާރަށް ފެތުރެންފަށައިފި ނަމަ ކުރިމަތިވެދާނެ ދަތިތަކާބެހޭގޮތުން މަޝްވަރާކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ އާއި ލަންކާގެ ބޮޑުވަޒީރު ވަނީ ބަލި ފެތުރޭ މިންވަރަށް ފަރުވާދޭ ވަސީލަތްތައް އިތުރުކުރުމާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ކުއްލިއަކަށް ބަލިމީހުން އިތުރުވެދާނެ ހާލަތަކަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން ބަލިމީހުންނަށް ބޭނުންވާނެ އެނދާ، އެހެނިހެން ވަސީލަތްތައް ފޯރުކޮށްދެވޭނެ ގޮތްތަކާއި ބެހޭގޮތުންނާ، އަދި ބަލިން ރައްކާތެރިވުމުގެ ގޮތުން މިހާރުވެސް އަމަކުރަމުންގެންދާ ގޮތްތައް ކަމުގައިވާ ބޭރަށް ނިކުމު އުޅުމުގައި ގައިދުރުކަމަށް އިސްކަންދިނުން ފަދަ ރައްކާތެރިވުމުގެ ގޮތުން އެޅެންހުރި ފިޔަވަޅުތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާފައިވާކަމަށްވެސް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން، ދެ ބޭފުޅުން ވަނީ ދެގައުމުން ވެސް، ބައެއް ދަތުރުފަތުރު ހުއްޓާލުންފަދަ ހަރުދަނާ ފިޔަވަޅުތަކާއި،މިދުވަސްވަރު ގައިދުރުކަން ބެހެއްޓުން ފަދަ ކަންކަމަށް ބާރުއަޅާ ފިޔަވަޅުތައް އަޅާފައިވާކަން ފާހަގަކުރައްވާފައެވެ. ސްރީލަންކާއިން ރާއްޖެއިން ބޭރުގައި އެންމެ ގިނަ އަދަދަކަށް ދިވެހިން ވަޒަންވެރިވެގެން ދިރިއުޅެމުންދާ ގައުމެވެ.

ސްރީލަންކާގެ އަދުގެ ހާލަތަށް ބަލާއިރު، އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 162 އަށް އަރާފައެވެ.