ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާލެ ސަރަހައްދުގެ މިސްކިތްތަކުގެ ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށް ކަނޑައެޅި މުއްދަތު މިމަހުގެ 11 ވަނަ ދުވަހަށް އިތުރުކޮށްފިއެވެ.
އިސްލާމިކް މިނިސްޓަރީން ބުނީ، ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށް ކަނޑައެޅި މުއްދަތު މިމަހުގެ 11 ވަަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން މާލެ ސަރަހައްދާއި ރިސޯޓްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރުމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާއެވެ.
ހަމައެއާއެކު ކޮންމެ ހުކުރު ދުވަހަކު އަދާ ކުރާ ހުކުރު ނަމާދު ވެސް މާލެ ސަރަހައްދާއި ރިސޯޓުތަކުގައި ކުރުން ވަނީ މެދުކަނޑާލާފައެވެ. އެހެންކަމުން މި ފެށޭ ހަފްތާގެ ހުކުރު ދުވަހުވެސް ޖަމާއަތް ނުހަދާނެއެވެ.
ކޮވިޑް -19 އިން ރައްކާތެރިވުމަށް އެތައް ފިޔަވަޅުތަކެއް ސަރުކާރުން އަޅާމުން އަންނަ އިރު، މާލެ ސަރަހައްދުގެ މިސްކިތްތަކާއި ރިސޯތްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމަށް އިސްލާމިކް މިނިސްޓްރީން އަންގާފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. މިއީ ރާއްޖޭގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މިފަދަ ގޮތަކަށް ހުއްޓާލި ފުރަތަމަ ފަހަރެވެ.
ރާއްޖޭގައި މި ބަލި ޖެހިފައިވަނީ ޖުމްލަ 19 މީހުންނަށެވެ. އޭގެތެރެއިން މިހާރު ކޮވިޑް-19 އަށް ފަރުވާދެމުން ދަނީ ހަތަރު ދިވެހިންނަށެވެ. އެ ހަތަރު މީހުންނަކީ ވެސް އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެހިންނެވެ. އެމީހުން ރާއްޖެ އައި ގޮތަށް ވެސް ތިބީ ކަރަންޓީނުގައެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރު އޮފީސްތަކާއި ރާއްޖޭގެ ހުރިހާ ސްކޫލްތަކާއި ކޮލެޖްތައް ހިމެނޭ ގޮތަށް ތައުލީމް ދޭ މަރުކަޒުތައް ވެސް ބަންދުކޮށްފަިއވާ މުއްދަތު ވަނީ އަންނަ ހަފްތާގެ ނިޔަލަށް އިތުރުކޮށްފައެވެ. ހަމައެއާއެކު ގުރުއާން ކްލާސްތަކާއި ޓިއުޝަން ދިނުން ވެސް ވަނީ ހުއްޓުވާފައެވެ.
މީގެ އިތުރުން މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން މާލެ، ވިލިމާލެ، އަދި ހުޅުމާލެ ސަރަހައްދުގައި 3 ގަޑިއިރަށް ދަނީ ކާފިއު ހިންގަމުންނެވެ. އެއީ ހަވީރު 5:00 އިން ރޭގަނޑު 8:00 އާ ދެމެދެވެ.