ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް އިއުލާންކޮށްފައިވާ ލޮކްޑައުންގެ އަމުރު ތަންފީޒު ކުރުމަށް، ތޫނިސްގެ މަގުތަކަށް ރޮބޮޓް ފުލުހުން ނެރެފިއެވެ.

ރޮބޮޓް ފޮލިހުން ޕެޓްރޯލް ކުރަމުންދަނީ، ވެރިރަށް ތޫނިސްގެ ސަރަހައްދުތަކެވެ.

މި ރޮބޮޓްތައް ފަރުމާކޮށްފައިވަނީ، މަގުތައް މަތިން މީހަކު ފެނިއްޖެނަމަ އެމީހެއްގެ ގާތަށް ގޮސް، ސުވާލު ކުރެވޭ ގޮތަށެވެ. އެގޮތުން އެމީހަކު ބޭރަށް ނިކުމެގެން އުޅެނީ ކީއްވެތޯވެސް އެމީހަކާ ސުވާލުކުރެއެވެ. މި ސުވާލު ކުރުމާއެކު، އެމީހެއްގެ އައިޑީ ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްވެސް ރޮބޮޓް ޕޮލިހަށް ދައްކަންޖެހެއެވެ. މި މައުލުމާތަކީ ރޮބޮޓް ކޮންޓްރޯލް ކުރުމުންދާނީ އަސްލު ފުލުހުންނަށް ފެންނަމުންދާނެ މައުލޫމާތުތަކެކެވެ.

ތޫނިސްގައި ލޮކްޑައުން ޕެޓްރޯލް ކުރަމުުންދަނީ "ޕީގާޑްސް"ގެ ނަން ދީފައިވާ ރޮބޮޓް ފުލުހުން/ފޮޓޯ: އޭއެފްޕީ

ކޮވިޑް-19ގެ ޝިކާރައަކަށްވެ، ތޫނިސްއިންވެސް 14 މީހެއްގެ ފުރާނަ ގެއްލިފައިވާއިރު މިއީ ތޫނިސްގައި ލޮކްޑައުންގެ އަމުރު ތަންފީޒު ކުރަމުންދާތާ 2ވަނަ ހަފުތާއެވެ.

"ޕީގާޑްސް"ގެ ނަމުގައި ތޫނިސްގެ މަގުތަކަށް ރޮބޮޓުން ދޫކޮށްފައިވަނީ އެގައުމުގެ ދާހިލީ ވުޒާރާއިންނެވެ. ނަމަވެސް މިއީ ކިހިނެއް އެގައުމުން ތައްޔާރުކުރި ރޮބޮޓްތަކެއް ކަން އަދި ސާފުވާ ގޮތެއް ނުވެއެވެ. ރޮބޮޓްތައް ފަރުމާކުރި އިނޯވާ ރޮބޮޓިކްސްއިންވަނީ އެއީ ސިއްރު މައުލޫމާތެއް ކަމަށާ، މިޑިއާއަށް ތަފްސީލު ހާމަކުރެވެން ނެތްކަމަށް ބުނެފައެވެ.

ތޫނިސްގެ މިމަޝްރޫއަށް ގިނަ ބަޔަކު ތައުރީފުކުރާއިރު، އަނެއް ބަޔަކު ދަނީ މިކަމަށްވެސް ފާޑުކިޔަމުންނެވެ.