މުޅި ދުނިޔެ އެއް އަޑުކޮށްލާފައިވާ މައުޟޫއަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑަ-19) ގެ ވާހަކަތަކޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. ވަކިން ހާއްސަކޮށް ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުތަކާ ބައްރުތަކަށް ބަލީގެ ނުރައްކާ ފެތުރިގެން ދިއުމާއެކު ކޮންމެ ދިމާލަކުންވެސް އިވެނީ ކޮވިޑް-19ގެ ވާހަކައެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު 204 ގައުމަކާ ސަރަހައްދަކުން 1 މިލިއަނަކަށްވުރެ ގިނަ މީހުން މި ބައްޔަށް މިހާރު ވަނީ ޕޮޒިޓިވްވެފައެވެ. މަރުވި މީހުންގެ އަދަދު ބައި ލައްކައަށް ވަނީ އަރާފައެވެ. އދގެ މެމްބަރު ގައުމުތަކުގެ ގޮތުގައި ލިސްޓުކޮށްފައި 193ގެ ތެރެއިން ގިނަ ގައުމުތަކަކުން މިބަލި ވަނީ ފެނިފައެވެ. ކަންމިހެން އޮތްއިރު، މި ބަލިމަޑުކަމުން "ސަލާމަތްވެފައިވާ" ގައުމުތަކެއްވެސް މި ބިމުގައި އެބައޮތެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ރިޕޯޓްކޮށްފައި ނުވާ 18 ގައުމަކީ: ކޮމޯރޯސް، ކިރިބާސް، ލެސޯތޯ، މާޝަލް އައިލަންޑްސް، މައިކްރޮނޭޝިއާ، ނައުރޫ، އުތުރު ކޮރެއާ، ޕަލާއޯ، ސަމޯއާ، ސައޯ ޓޯމޭ އެންޑް ޕްރިންސިޕޭ، ސޮލޮމަން އައިލަންޑްސް، ދެކުނު ސޫދާން، ތަޖިކިސްތާނު، ޓޮންގާ، ތުރުކަމަނިސްތާނު، ޓުވާލޫ، ވަނުއާޓޫ އަދި ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޔަމަނެވެ.

ލިސްޓުކުރެވުނު 2 އަރަބި ގައުމު

އިންޑިއާ ކަނޑުގެ ޖަޒީރާ ރަށެއްގެ ގޮތުގައި އޮތް ކޮމޯރޯސްއަކީ އަރަބި ލީގުގެ ފުރިހަމަ މެމްބަރެކެވެ. ކޮމޮރޯސްއަކީ ކޮވިޑް-19ގެ ބަލިމަޑުކަމުން މިވަގުތަށް ސަލާމަތްވެފައިވާ އަރަބި 2 ގައުމުގެ ތެރެއިން 1 ގައުމެވެ. އަނެއް ގައުމަކީ ދިގުލާ ގޮސްފައިވާ ހަނގުރާމައިގެ ސަބަބުން އިންސާނީ ކާރިސާއެއްގެ ތުންފަތްމަތީގައި އޮތް ޔަމަނެވެ.

ޔަމަނުގައި ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތުގެ ބައެއް މީހުން އުފާފާޅުކުރަނީ/ފޮޓޯ: ފަވާޒް ސަލްމާން

ދުނިޔޭގެ ދެކުނު ތަނޑީގައި އޮތް ކޮމޮރޯސްއިން ކޭސްއެއް އަދި ފެނިފައި ނުވާއިރު، އެންމެ ފަގީރު އަރަބި ގައުމުގެ ގޮތުގައި އޮތް ޔަމަނުން ބަލި ފެނުން ވެގެންދާނީ އިންތިހާއަށް ކަންބޮޑުކުރުވަނިވި ކަމަކަށެވެ.

ބަންދުވެފައިވާ ގައުމުތަކާ އާބާދުތައް

ކޮވިޑް-19ގެ ފުރަތަމަ ކޭސްތައް ޗައިނާއިން ރިޕޯޓްކުރަން ފެށީއްސުރެ އަދާ ޖެހުނުއިރުވެސް، ޗައިނާގެ އެންމެ އަވަށްޓެރި އުތުރު ކޮރެއާއިން އެންމެ ކޭހެއްވެސް ރިޕޯޓްކޮށްފައެއް ނުވެއެވެ. މިއީ ގިނަ ބަޔަކު ހައިރާންވެސްވާ ކަމެކެވެ. އަނެއް ބަޔަކު ތުހުމަތުކުރާ ގޮތުގައި ޚުދުމުޚުތާރު ވެރިކަމެއް އޮތް އުތުރު ކޮރެއާއިން މައުލޫމާތު ސިއްރު ކުރަނީއެވެ.

އުތުރު ކޮރެއާއަކީ ދުނިޔެއާއި އެންމެ އެކަހެރި ގައުމުގެ ގޮތުގައި ބޭއްވުމަށް އެގައުމުން ކުރަމުންދާ މަސައްކަތުން އެދެވޭ ނަތީޖާއެއް ނިކުންނަނީ ކަމަށްވެސް ވެދާނެއެވެ.

އުތުރު ކޮރެޔާގެ ލީޑަރު ކިމް ޖޮންގް ޔުން (ވ) އެގައުމުގެ ވައިގެ އަސްކަރިއްޔާގެ ހަރަކާތެއް ބައްލަވާލައްވަނީ/ފޮޓޯ: ރޮއިޓާޒް

އުތުރު ކޮރެއާއާއި ގާތް ނުކުރި ކަމުގައި ވީ ނަމަވެސް ތަޖިކިސްތާންއާއި ތުރުކަމަނިސްތާންއަކީވެސް އެ ގައުމުތަކަށް، މާ ގިނަ ބަޔަކު ދަތުރުކޮށް އުޅޭ ގައުމުތަކެއް ނޫނެވެ. ބޭރު ދުނިޔެއަށް އެ ގައުމުތައް ހުޅުވިފައިވަނީ ވަރަށް ކުޑަކޮށެވެ. ކޮވިޑް-19ގެ ކޭސްތައް ނުފެނި އޮތީ އެހެންވެ ކަމުގައިވެސް ވެދާނެއެވެ.

އެފްރިކާގެ 3 ސަރަހައްދު

ލެސޯތޯ، ދެކުނު ސޫދާން، ސައޯ ޓޯމޭ އެންޑް ޕްރިންސިޕޭއަކީވެސް ހާލަކުން ފަހަރަކު ނޫނީ މީހަކު ވަންނަ ސަރަހައްދުތަކެއް ނޫނެވެ. މިއީ އެތަނަކަށް ވަންނަންވެސް އެހާ އުނދަގު ތަންތަނެވެ. ދެކުނު ސޫދާންއަށް ބަލާއިރު ހަނގުރާމަވެސް އެހާމެ ގަދައެވެ. އެއީވެސް އެތަނަށް މީހުން ދަތުރުކުރުން މަދުވާ ސަބަބެކެވެ.

ޔަމަނު ހަނގުރާމާއިގެ ތެރޭގައި ކުޑަކުއްޖަކު ހަތިޔާރު ހިފައިގެން/ފޮޓޯ: އަލްއަރާބީ

ކަންޑުމެދު ޖަޒީރާ

ކިރިބާސް، މާޝަލް އައިލަންޑްސް، މައިކްރޮނޭޝިއާ، ނައުރޫ، ޕަލާއޯ، ސޮލޮމަން އައިލަންޑްސް، ޓުވާލޫ، ޓޮންގާ، ވަނުއާޓޫ އަކީ ކަނޑު މެދުގައި، ހިފި ފަސްތަނަކާ ނުގުޅި އޮތް އެކަހެރި ތަންތަނެވެ. ހަމަ އެހެންމެ، މިތަންތަނަށް ދަތުރުކުރުމަކީ އަތުންވެސް ބޮޑު ޚަރަދެއް ހިނގާ ކަމެކެވެ. މިއީ، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ނަޒަރުން ބަލާއިރު، މި ފަދަ މަންޒިލްތަކަށް ލިބުނު ނަސީބެއް ކަމުގައި ދެންނެވިދާނެއެވެ.