އިންޑިއާގެ އެކި ސިޓީތަކުގައި ރާއްޖެއަށް ނުގެނެވި ހުރި ބޭސްތައް އިންޑިއާ ސަރުކާރުގެ އެހީގައި މިއަދު ރާއްޖެއަށް ގެނެސްފިއެވެ.

މިބޭސްތަކަކީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އޯޑަރު ކޮށްފައިވާ ބޭހުގެ ބާވަތްތަކެވެ. މިއަދު ރާއްޖެއަށް ގެނެސްފައިވަނީ 6.2 ޓަނުގެ ބޭހެވެ. މި ބޭސްތަކުގެ ތެރޭގައި ކޮވިޑް19ގެ ފަރުވާއަށް ބޭނުން ކުރެވޭ ބޭހުގެ ބާވަތްތަކާއި، ހޮސްޕިޓަލްތަކުގައި ބޭނުންކުރަން ޖެހޭ ޒަރޫރީ ބައެއް މުހިއްމު ބޭސްތައް ހިމެނެއެވެ.

މި ބޭސްތައް އިންޑިއާގެ އެކި ސިޓީތަކުން ނަގައި، ރާއްޖެއާއި ހަމަށް ގެނެސްދީ ފައިވަނީ އިންޑިއާ އަސްކަރިއްޔާގެ އެހީތެރި ކަމާއެކުގައެވެ. އަދި މިފަދަ މުހިއްމު ދަނޑިވަޅެއްގައި، އަދި އިންޑިއާގައި އެއްތަނުން އަނެއްތަނަށް ދަތުރު ފަތުރު ކުރުން ހުއްޓާލާފައި މިވަގުތު، އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށާއި، ހާރިޖީ ވަޒީރު ޑރ. އެސް. ޖައިޝަންކަރުގެ އިތުރުން އިންޑިއާ ސަރުކާރަށާއި އެ ގައުމުގެ ރައްޔިތުންނަށް ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވަނީ ޝުކުރު ދަންނަވާފައެވެ.

އިންޑިއާއިން ވަނީ ރާއްޖެއަށް އެކި ފަހަރުތަކުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން އިންޑިއާއިން ވަނީ ރާއްޖެއަށް ކާޑުގެ ޝިޕްމަންޓެއްވެސް ފޮނުވާފައެވެ. އެއީ އިންޑިއާ އިން ފޮނުވި ކާޑުގެ ފުރަތަމަ ޝިޕްމަންޓެވެ. އެ ޝިޕްމަންޓުގައި ހިމެނެނީ 500 ޓަނުގެ ހަކުރާއި 993 ޓަނުގެ ހަނޑޫ އެވެ. މީގެއިތުރަށް އިންޑިއަން ހައިކޮމިޝަނުން ބުނެފައިވަނީ، އިންޑީއާއިން އިތުރު 1500 ޓަނުގެ ހަނޑުލާއި، 500 ޓަނުގެ ހަކުރު ރާއްޖެ ގެނައުމުގެ މަގުމަތީގައިވާ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ މަސައްކަތް ހުއްޓުނަ ނުދީ ކުރިޔަށް ގެންދިއުމަށް ބޭނުންވާ 5000 ޓަނުގެ ސިމެންތި، ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.

އިންޑިއާ އިން ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށް ދެމުންދާއިރު، ކޮވިޑް19 އާއި ގުޅިގެން އެގައުމުގެ މެޑިކަލް ޓީމެއް ދާދިފަހުން ވަނީ ރާއްޖެ އައިސްފައެވެ. އަދި އިންޑިއާ އިން ވަނީ ތިން މަހަށްވާ ވަރަށް ރާއްޖެ އަށް ބޭހުގެ ސާމާނު ވެސް ފޯރުކޮށްދީފައެވެ.