އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު ފަގީރު އަވަށްގަނޑުގެ ގޮތުގައި ސިފަކުރަމުން އަންނަ އިންޑިއާގެ ފިލްމް ސިޓީ މުމްބާއީގެ ދަރާވީ ސްލަމް ސަރަހައްދުން ކޮވިޑް-19 ފެނިއްޖެއެވެ.
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން މިކަން ކަށަވަރުކޮށްދީފައެވެ.
އިންޑިއާގެ ވިޔަފާރި މަރުކަޒުގެ ގޮތުގައިވެސް ސިފަކުރަމުން އަންނަ މުމްބާއީގައި އޮންނަ ދަރާވީ ސްލަމް އަކީ މިލިއަނަކަށްވުރެ ގިނަ ފަގީރުން ދިރިއުޅެމުންދާ އަވަށްގަނޑެކެވެ. މިސަރަހައްދުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ އުމުރުން 56 އަހަރުގެ ފިރިހެނެއް ކަމަށް ޚަބަރު ލިބެއެވެ.
މިމީހާ މިހާރު މަރުވެފައިވާކަމަށްވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މިކަން އަދި މުޅިން ކަށަވަރެއް ނުވެއެވެ. އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ އޭނާ ދިރިއުޅެމުންދިޔަ އިމާރާތް ކޯޑަންކޮށް، އެ އާއިލާގެ 7 މެމްބަރަކު ކަރަންޓީނުވެސް ކޮށްފައެވެ.
މި ހާދިސާ ހިނގައިގެން އުޅޭ އަވަށްގަނޑަކީ ސިޓީ ތެރޭގައި އޮތް ސިޓީއެއްގައި އޮތް ސަރަހައްދަކަށްވާއިރު، މިއީ ހަނި ގޯޅިތައް ގިނަ، އަނގަމަތި ހާ ނަޖިސް ހިންދާ ވަޅުގަނޑުތަކާ، ޖިފުޓިތައް އިންތިހާއަށް ގިނަ އަވަށްގަނޑެކެވެ.
އިޖުތިމާއީ ގައިދުރުކަން ނުވަތަ ސޯޝަލް ޑިސްޓަންސިންގްއަކީ ކޮވިޑް-19އިން ދުރުވުމަށް އެޅެން އޮތް އެންމެ އަސާސީ އެއް ފިޔަވަޅުކަމަށް ސިއްހީ ތަޖުރިބާކާރުން އިއްތިފާގު ވީ ނަމަވެސް، ދަރާވީ ސްލަމް ފަދަ ސަރަހައްދެއްގައި އަމަލީ ގޮތުން މިކަން ތަންފީޒު ކުރުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ. ދެމީހެއްގެ ދެމެދުގައި ގާތްގަނޑަކަށް 2 މީޓަރުގެ ދުރުމިން ގެންގުޅުމަށް އިރުޝާދު ދެމުން ދިޔަ ނަމަވެސް ޖިފުޓިތަކުން ތޮއްޖެހިފައިވާ ދަރާވީ ސްލަމްގައި މިއީ ނުކުރެވޭނެ ކަމެކެވެ.
މިއާއެކު ކޮވިޑް-19ގެ ނުރައްކާ މި ސަރަހައްދުތަކުގައި އޭގެ އެންމެ އިންތިހާއަށް ދާނެ ކަމުގެ ބިރުވެރިކަން ވަނީ ވަށާލާފައެވެ. މިފަދަ ގޮތަކަށް ތޮއްޖެހިފައިވާ ސަރަހައްދެއްގައި ކޮވިޑް-19 ދެނެގަތުމަކީވެސް އިންތިހާއަށް ގޮންޖެހުން ބޮޑު ކަމެކެވެ.
އިންޑިއާގެ އަދުގެ ހާލަތަށް ބަލާއިރު 1.3 ބިލިއަން މީހުން ތިބީ ލޮކްޑައުން ހާލަތުގެ އަމުރުގެ ދަށުގައެވެ. އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 2038 އަށް އަރާފައިވާއިރު މި ބަލީގައި އެގައުމުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 58 އަށް އަރާފައެވެ.