މިދިޔަ އަހަރުގެ ފަހުކޮޅު ފުރަތަމަ ފަހަރަށް ފެނުނު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް، ޓެކްނޮލޮޖީއާއި އަސްކަރީ އަދި ސިއްހީ ގޮތުން އެންމެ ކުރިއަރާފައިވާ ގައުމުތަކުން އަދާ ޖެހުނުއިރުވެސް ދަނީ ފެއިލްވަމުންނެވެ. ބަލިޖެހޭ މީހުންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންދާއިރު، މި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ.
ބަލި ފެތުރިގެންދާ ފަހުން ނޫނީ އަދި ބަލިމަޑުކަން ދެނެގަނެވިފައި ނުވާއިރު، ނެދަލެންޑްސްގެ ޓީމަކުން މިހާރު ވަނީ އިންގިލާބީ ދިރާސާއެއް އެކުލަވާލާ، އާންމުކޮށްފައެވެ. މިއީ ގައުމުތަކުގެ ސަރުކާރުތަކުން ކޮވިޑް-19އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމާގައި އެއް ފިޔަވަޅު ނަމަވެސް ކުރިއަށް އެޅުމަށް ދޭނެ ހިތްވަރެއް ކަމަށް ބުނެވެއެވެ.
ދުވަހަކީ މާޗް މަހުގެ 5 ވަނަ ދުވަހެވެ. ނެދަލަންޑްސްގެ އޭމަޝްފޯޓްގެ ނަރުދަމާ ނިޒާމާ ބެހޭ ފެސިލިޓީއަކުން ސައިންސްވެރިންތަކެއް، ކޮރޯނާވައިރަސް ޑިޒީޒްގެ ނިޝާންތަކެއް ދެނެގަތެވެ. މި ނިޝާންތައް ދެނެގަނެވިފައިވަނީ އޭމަޝްފޯޓްއިން ކޮވިޑް-19ގެ ފުރަތަމަ ކޭސް ފެނުމުގެ ކުރިންނެވެ. އެހެންކަމުން، މިއީ ބަލިމަޑުކަން މެޑިކަލް ލެބޯޓްރީތަކުން ކަށަވަރުކުރުމުގެ ކުރިން، ނަޖިސް ފެނުން ދެނެގަނެވިދާނެ ކަމުގެ ހެއްކެއް ކަމަށް ބުނެވިދާނެއެވެ.
ނަރުދަމާ ނިޒާމުން ބޭރުވެގެންދާ ނަޖިސް ފެނުގެ ދިރާސާތަކާ ތަހުލީލުތައް ކުރުމަކީ އާ ކަމެއް ނޫނެވެ. އެ ރަށެއްގެ އާބާދީގައި މަސްތުވަތަކެތީގެ ވަބާ އަށަގެންފައިވާ މިންވަރު ވަޒަންކުރުމަށްވެސް ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކުން ނަޖިސް ފެން ނަގައިގެން އެކި ކަހަލަ ދިރާސާތައް ކުރެއެވެ. ރާއްޖޭގައިވެސް މިފަދަ ދިރާސާތައް ހަދާފައި އެބަހުއްޓެވެ.
މިފަދަ ގޮތަކަށް ނަޖިސް ފެން ނަގައިގެން ކޮވިޑް-19އަށް ޓެސްޓު ކުރަމުން ދިއުމަކީ އެ ސަރަހައްދެއްގައި ބަލިމަޑުކަން ފެތުރިގެން ހިނގައިދާނެ ކަމުގެ އިންޒާރު، ދުރާލާ ދެނެގަނެވިދާނެ ނިޒާމެކެވެ. އެ ސަރަހައްދެއްގެ ނަރުދަމާ ނިޒާމުން ބޭރުވެގެންދާ ނަޖިސް ފެނުގައި ކޮވިޑް-19ގެ އަސަރު އެކުލެވޭނަމަ އެއީ އެ ސަރަހައްދުގެ އާބާދީގެ ތެރޭގައި ބަލިމަޑުކަން އުޅޭ ކަމުގެ ހެއްކެކެވެ.
ބަލީގެ ކޭސްތައް ފުރަތަމަ ރިޕޯޓްކުރި ޗައިނާއާއި ދެކުނު ކޮރެޔާ ފަދަ ގައުމުތައް، ކޮވިޑް-19ގެ ދެވަނަ ރާޅެއްގެ ބިރުވެރިކަމުގެ ތެރޭގައި އޮތްއިރު، މިފަދަ ގޮތަކަށް ނަޖިސް ފެނުގެ ދިރާސާއެއް ހެދުމަކީ އެހީއަކަށް ވެދާނެ ކަމެއް ކަމަށް ނެދަލަންޑްސްގެ ސައިންސްވެރިން ބުނެއެވެ.
ދެތިން ހަފުތާއެއް ދުރާލާ މިފަދަ އިންޒާރެއް ލިބުމަކީ، ގިނަ ބައެއްގެ ދިރިހުރުމާ މަރުވުން އެކަމާ ގުޅިފައިވާ ކަމެއްކަންވެސް ސައިންސްވެރިން ފާހަގަކުރެއެވެ.