ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ބަލިމަޑުކަމާ ބެހޭ އިތުރު ތަފްސީލީ މައުލޫމާތުތަކެއް އެނގެންދެން، މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ކުރަމުންދާ ޕްލޭންތައް މަޑުޖައްސާލަން ހުރިހާ މުސްލިމުންގެ ކިބައިން، ސައުދީ އަރަބިއްޔާ އެދިއްޖެއެވެ.

ސައުދީ އަރަބިއްޔާގެ ފަރާތުން މިކަމަށް އިލްތިމާސް ކުރައްވާފައިވަނީ އެގައުމުގެ މިނިސްޓާ އޮފް ޙައްޖު އެންޑް އުމްރާ މުޙައްމަދު ސޯލިހު ބިންތީންއެވެ.

ކޮވިޑް-19ގެ ނުރައްކާ ބޮޑުވެ، ސައުދީއިން މިހާރުވެސް ވަނީ އުމްރާގެ އަޅުކަން މަޑުޖައްސާލާފައެވެ.

ދިވެހި ދައުލަތުގެ އަމީރުލް ޙައްޖު މިނިސްޓާ އޮފް ޕްލޭނިންގ އެންޑް އިންފުރާސްޓްރކްޗަރ އަލްފާޟިލް މުޙައްމަދު އަސްލަމް ސައުދީ އަށް ވަޑައިގަތުން/ފޮޓޯ: އެމްވީޙައްޖުމިޝަން

ގާތްގނޑަކަށް ހަފުތާއެއްގެ މުއްދަތަށް ދެމިގެންދާ މަތިވެރި ޙައްޖުގެ އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ސަތޭކަ ހާސް މުލިމުންނެއް ކޮންމެ އަހަރަކު ސައުދީ އަރަބިއްޔާއަށް ދަތުރުކުރެއެވެ. މިއަހަރުގެ ޙައްޖު މޫސުމުގައިވެސް ސައުދީއަށް 2.5 މިލިއަން މީހުން، ޙައްޖުގެ އަޅުކަން އެދިގެން ސައުދީއަށް ޖަމާވާނެ ކަމަށް ލަފާކުރެވެއެވެ. ޙައްޖުގެ އަޅުކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ސައުދީ އަރަބިއްޔާއަށް ދައްކާ ފައިސާއަކީ އެ ގައުމަށް އާމްދަނީ ލިބޭ މަސްދަރެއްވެސް މެއެވެ.

ކަންމިހެން އޮތްއިރު، ފަހުގެ ތާރީޚު ނުދެކޭ ވަރުގެ ބޮޑު ބަލިމަޑުކަމަކާ ދުނިޔެ ކުރިމަތިލާފައިވާ މިދަނޑިވަޅުގައި، ޙައްޖު ޕްލޭންތައް މަޑުޖައްސާލަން އިލްތިމާސްކުރައްވާ، ގައުމީ ޓީވީ މެދުވެރިކުރައްވާ ވާހަކަފުދައްކަވަމުން ވަޒީރު ބިންތީން ވިދާޅުވީ، ސައުދީ އަރަބިއްޔާ އޮތީ އުމްރާއާއި ޙައްޖުގެ އަޅުކަން އެދިގެން އަންނަ މީހުންނަށް ޚިދުމަތް ކުރަން ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ.

ނަމަވެސް، އަދުގެ ހަލާތަށް ރިއާޔަތްކުރާއިރު، މުސްލިމު އަޚުންނާ އުޚުތުންނާ ސައުދީގެ ރައްޔިތުންގެ ސިއްހަތަށް ހާއްސަ ސާމާލުކަމެއް ދޭންޖެހޭ ކަމަށާ، މިއަހަރުގެ ޙައްޖު މޫސުމުގައި މި އަޅުކަން އެދިގެން ސައުދީއަށް ދަތުރުކުރުމަށް ކަމާބެހޭ ފަރާތްތަކާއެކު ކޮންޓްރެކްޓްތައް ހެދުމުގެ ކުރިން، ބަލިމަޑުކަމާ ބެހޭ ސާފު މަންޒަރެއް ފެންނަންދެން، އެ ފަދަ ޕްލޭންތައް މަޑުޖައްސާލަން އެދޭކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ސައުދީ އަރަބިއްޔާގެ ކިންގް ޢަބްދުލްޢަޒީޒު އިންޓަނޭޝަނަލް އެއާޕޯޓުން ސައުދީއަށް އެތެރެވާ ޙައްޖުވެރިންނަށް ޙާއްސަކޮށްގެން އެގައުމުން ބަހާ ސިމްކާޑާ އިންޓަނެޓް ޕެކޭޖު ހަދިޔާ ކުރަނީ/ފޮޓޯ: އެސްޕީއޭ

އުމްރާގެ އަޅުކަން އަދާކުރުމަށް ދޫކުރަމުންދިޔަ ހުއްދާ މަޑުޖައްސާލުމުގެ އިތުރުން، ސައުދީއިން މިހާރުވެސް ވަނީ ބައިނަލްއަގުވާމީ ވައިގެ އުދުހުންތައް، މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލާފައެވެ. އަދި މައްކާއާއި މަދީނާވެސް ހިމެނޭ ގޮތަށް ސައުދީގެ ބޮޑު ސަރަހައްދުތަކެއްގެ ބޯޑަރު ވަނީ ބަންދުކޮށްފައެވެ.

ސައުދީގެ މައި ވިޔަފާރި މަސްދަރަކަށް ވުމުގެ އިތުރުން، ޙައްޖާ އުމްރާގެ އަޅުކަން އެދިގެން ސައުދީއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ އަދަދު އިތުރުކުރުމަކީ، ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ އަމާޒު ވަރުގަދަ އިސްލާހީ އެޖެންޑާގެ މައި މޫވެސްމެއެވެ.

ޙައްޖުގެ އަޅުކަން ކުރިއަށް ނުގެންދާން ނިންމައިފިނަމަ އެކަން ވެގެންދާނީ ފަހުގެ ތާރީޚެއްގައި އެފަދަ ނިންމުމެއް ނިންމާ ފުރަތަމަ ފަހަރަށެވެ. ބައެއް ލިއެ ކިއުންތަކަށް ބަލާއިރު މިފަދަ ކަންކަން ހިނގާފައި އެބަހުއްޓެވެ. ފަހުގެ ތާރީޚަށް ބަލާއިރު މުޅި ޙައްޖުގެ އަޅުކަން ކުރިއަށް ނުގެންދާން ސައުދީއިން ނިންމާފައެއް ނުވެއެވެ. ނަމަވެސް، ބަލިމަޑުކަން ބޮޑުވެފައިވާ ހައި ރިސްކު ޒޯންތަކުން ސައުދީއަށް ދަތުރުނުކުރެވޭ ގޮތް ހަދާފައި އެބަހުއްޓެވެ. އެގޮތުން، އެބޯލާ ބަލިމަޑުކަން ފެތުރިގެން ދިޔަ ދުވަސްވަރު، ހައި ރިސްކު ޒޯންތަކަށް ޙައްޖު ވިސާ ދޫކޮށްފައެއް ނުވެއެވެ.

ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ސައުދީއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1563 އަށް އަރާފައެވެ. މި ބަލީގައި އެގައުމުން 10 މީހެއްގެ ފުރާނަވަނީ ގެއްލިފައެވެ.

ޖިއްދާގެ ޢަބްދުލްޢާޒީޒު އިންޓަނޭޝަނަލް އެއާޕޯޓްގެ އިމިގްރޭޝަން ސަރަހައްދުގައި ޙައްޖުވެރިން ކިއު ހަދައިގެން/ފޮޓޯ: ދަ ނޭޝަނަލް

ތާރީހު ދުށް ބައެއް ބަލިމަޑުކަން

ޙައްޖުވުމަކީ ކެރިކުޅަދާނަވެގެންވާ ކޮންމެ މުސްލިމަކު އުމުރުން 1 ފަހަރު އަދާކުރަން ފަރުޟު ކުރައްވާފައިވާ އަޅުކަމެކެވެ.

ޙައްޖު މޫސުމާ ދިމާކޮށް ބަލިމަޑުކަން ފެތުރިގެންދާ ދިއުމަކީ ބައެއް ފަހަރު ކުރިމަތިލާންޖެހޭ ކަންބޮޑުވުމެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ސަތޭކަ ހާސް މުސްލިމުންނެއް އެއް ބިމަކަށް ޖަމާވާ މި އަޅުމަކަމުގެ ރެކޯޑްކުރެވިފައިވާ ތާރީހަށް ބަލާއިރު، މީލާދީން 632 ވަނަ އަހަރުގެ މެލޭރިއާ ބަލިމަޑުކަން ފާހަގަރެވެއެވެ. އޭގެ ފަހުން 1821 ވަނަ އަހަރުގެ ކޮލެރާ ރޯގާގެ ދުވަސްވަރު ޙައްޖަށް ދިޔަ 20000 މީހެއްގެ ފުރާނަ ގެއްލިފައިވެއެވެ. އޭގެ ފަހުން 1865 ވަނަ އަހަރުގެ ކޮލެރާ ރޯގާގެ ދުވަސްވަރު، 15000 ޙައްޖުވެރިއެއްގެ ފުރާނަ ގެއްލުނު ކަމަށް ވަނީ ރެކޯޑްކޮށްފައެވެ.

މެލޭޝިއާގެ ކުޑަކުދިންނަށް ޙައްޖުގެ މަނާސިކުތައް ދަސްކޮށްދިނުމަށް ހިންގި ހަރަކާތުގެ ތެރެއިން/ފޮޓޯ: އަރަބްނިއުސް

ފަހުގެ ތާރީހަށް ބަލާއިރު މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް (މާސް ރޯގާ)ގެ ނުރައްކާ ސައުދީއަށް ކުރިމަތިވިއެވެ. އެކަށީގެންވާ ގޮތެއްގައި މި ރޯގާއާއި ކުރިމަތި ނުލެވުމުގެ ސަބަބުން އެތައް ސަތޭކަ މީހެއްގެ ފުރާނަ ގެއްލިދިޔައެވެ. އެއަށްފަހު 2012 ވަނަ އަހަރާ 2013 ވަނަ އަހަރު ސައުދީއިން ވަނީ އާންމު ސިއްހަތު ސަލާމަތްކުރުމަށް އަޅާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް ހަރުދަނާ ކޮށްފައެވެ. ނަމަވެސް އެދުވަސްވަރު އެއްވެސް ކަހަލަ ބަލިމަޑުކަމެއް އުޅުނުކަމަށް ރެކޯޑްކޮށްފައެއް ނެތެވެ.