ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިން ފެނިފައިވުމާއި ގުޅިގެން އަޅަމުން ގެންދާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގައި ހިންގާ ކެފޭ ރެސްޓޯރެންޓު އަދި ފިހާރަތަކުގެ ހިދުމަތް 24 ގަޑިއިރު ހިދުމަތް ދިނުން މަނާކޮށްފިއެވެ.
ކޮވިޑް19 އާ ގުޅިގެން މިދިޔަ މަހުގެ 12ވަނަ ދުވަހު އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ލިބިދީފައިވާ ބާރުން ނެރެފައިވާ އެންގުމެއްގައި ވިދާޅުވެފައިވަނީ މާދަމާގެ މެންދުރު 12:00 އިން ފެށިގެން، ވަކި ގޮތެއް އަންގަންދެން، މާލެއާއި، ވިލިމާލެއާއި، ހުޅުމާލޭގައި ހިންގާ އެންމެހައި ފިހާރަތައް، ރޭގަނޑު 11:00 އިން ހެނދުނު 6:00 އަށް ބަންދު ކުރުމަށް އަންގާ ކަމަށެވެ.
އަދި މާލެއާއި، ވިލިމާލެއާއި، ހުޅުމާލޭގައި ހިންގާ ކެފޭ، ރެސްޓޯރެންޓް، ހޮޓާ ފަދަ، އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ދޭ އެންމެހައި ތަންތަނުން ދޭ ޓޭކްއަވޭގެ ޚިދުމަތް، ރޭގަނޑު 12:00 އިން ފެށިގެން ހެނދުނު 6:00 އަށް މެދުކަނޑައިލުމަށް އަންގާ ކަމަށްވެސް އެ އެންގުމުގައިވެއެވެ.
އެ އެންގުމުގައި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވިދާޅުވެފައިވަނީ އެ ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާ ކަމަށެވެ.
މާލެ ސަރަހައްދުގެ ފިހާރަތަކާއި ކެފޭތައް 24 ގަޑިއިރު ހިދުމަތް ދިނުން މަނާކޮށްފައިވާއިރު މާދަމާއިން ފެށިގެން މާލެ ސިޓީގައި ތިން ގަޑިއިރަށް މާލެ ހުޅުމާލެ އަދި ވިލިމާލޭގެ މަގުތަކަށް މީހުން ނިކުމެ އުޅުމާއި އުޅަނދުތައް ދުއްވުން ވެސް ވަނީ މަނާކޮށްފައެވެ.
ރާއްޖެއިން މިހާތަނަށް 18 މީހަކު ކޮވިޑް19 އަށް ވަނީ ޕޮޒިޓިވްވެފައެވެ. އޭގެތެރެއިން ތިން މީހުން ފިޔަވާ ބާކީ ތިބި 15 މީހުންނަކީ ބިދޭސީންނެވެ. އެ 15 މީހުންވެސް ވަނީ ބަލިން ރަނގަޅުވެފައި ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.