ހއ. ބާރަށުގައި ކޮވިޑް-19 ޓާސްކްފޯސްގެ މަސައްކަތް ކުރުމަށް ހަދާފައިވާ ޓެންޓަށް ގެއްލުންދިން 3 މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ، ހއ. ބާރަށު ބަނދަރު ސަރަހައްދުގައި އެ ރަށުގައި ކައުންސިލް އިދާރާއިން ކޮވިޑް-19 ގެ ޓާސްކް ފޯސް މަސައްކަތް ކުރުމަށް ހަދާފައިވާ ޓެންޓަށް ގެއްލުން ދީފައިވާ މައްސަލަަ މިއަދު މެންދުރު 2:15 އެހާކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށޫން މިއަދު ހަވީރު 5:30 ހާއިރު ތިން ދިވެހިން ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެއީ އުމުރުން 18 އަހަރާއި 20 އަހަރާއި 21 އަހަރުގެ ފިރިހެނުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރޭގެ ވަގުތެއްގައި ބާރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހަކު އެ ރަށުގެ މީހާކާ މުހާތަބު ކުރި ގޮތާ މެދު ހިތްހަމަނުޖެހިގެން އެ ފުލުސް މީހާ ރަށުން ބޭރު ކުރުމަށް ޒުވާނުންގެ ބަޔަކު ޑިމާންޑު ކުރި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. ބާރަށުގެ ޒުވާނުންނާއި އެ ރަށުގެ ފުލުހަކާ މައްސަލަ ޖެހުނީ ޑްރޯންއެއް ބޭނުންކޮށްގެން އަންހެން ކުއްޖެއްގެ ބަރަހަނާ ފޮޓޯއެއް ފުލުސް މީހާ ނެގި ވާހަކަތަކެއް އިއްޔެ ސޯޝަލް މީޑިއާގައި ވަނީ ފެތުރިފައެވެ، މިކަން ފުލުހުން ވަނީ ދޮގުކޮށްފައެވެ.