މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން ކްރިމިނަލް ކޯޓުން ދޫކޮށްލަން ނިންމި އަރުޝާދު ހާލިދު އަނެއްކާ ހައްޔަރުކޮށް އޭނާގެ ބަންދުގެ މުއްދަތަށް 10 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ، ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ހާލިދު އިއްޔެ އޭނާ ދޫކޮށްލުމަށް ނިންމެވި ކުރިމިނަލް ކޯޓުގެ ގާޒީ މިއަދު ރިވިއު ކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކުރުމަށް ފުލުހުންގެ މައްޗަށް އަލުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ އަމުރުގެ ދަށުން އަރުޝަދު ހައްޔަރުކޮށްފައިވާ އިރު އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ކުރިމިނަލް ކޯޓުން މިއަދު ވަނީ ޖަހާފައެވެ.

އަލީ އަރުޝަދުގެ މައްޗަށް އުފުލާފައި ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއެވެ. ޕްރޮސިކިއުޓާ ޖެނަރަލް އިން ކުރި ދައުވާގައި އެދިފައި ވަނީ އެ ވިޔަފާރިކޮށްގެން ލިބުނު ކަމަށް ތުހުމަތުވާ 1،535،110 ރުފިޔާ އާއި 146،731 ޑޮލަރު ދައުލަތަށް ނަގައިދިނުމަށެވެ. މި ދައުވާ އިއްޔެެ އުފުލާފައިވަނިކޮށް އަރުޝަދު ވަނީ ކޯޓުން ދޫކޮށްލާފައެވެ.

އަރުޝަދަކީ 10 ގެއަކާއި ވެހިކަލްތަކެއް ބަލައި ފާސްކޮށް ނުވަ ކިލޯ ހެރޮއިން އާއި ހަތަރު ގްރާމް ކޮކެއިން އާއި ފައިސާތަކެއް ހޯދައި އެއާ ގުޅުން އޮތް ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހެކެވެ. އަރުޝަދުގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓްގައި ހުރި ގިނަ އަދަދެއްގެ ފައިސާއަކީވެސް މަސްތުވާތަކެތި ވިއްކައިގެން ހޯދާފައިވާ ފައިސާ ކަމަށް ތުހުމަތު ކުރެވޭތީ ބޭންކް އެކައުންޓްވެސް ވަނީ ފްރީޒް ކޮށްފައެވެ. ފުލުހުން ބުނެފައި ވަނީ، މި މައްސަލާގައި 4.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފުލުހުންގެ ބެލުމުގެ ދަށުގައިވާ ކަމަށެވެ.

އަރުޝަދުގެ އިތުރުން މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގދ. ހޯނޑެއްދޫ، އިތުރުމަތީގޭ، އަހުމަދު ސުނައިންއާ، ގދ. ހޯނޑެއްދޫ، މެޑްރިޓްހައުސް، އަހުމަދު ގިޔާސްއާ، ގދ. ހޯނޑެއްދޫ، ގުލޭނޫރަންމާގޭ، އަލީ ޒުބައިރެވެ. އެމީހުންގެ މައްޗަށް ވެސް ދައުވާތައް އުފުލާފައިވާއިރު އެމީހުން 10 ދުވަހު ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.