ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ހިންގާ ހުރިހާ ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކަށް ބިދޭސީ ފަތުރުވެރިން ޗެކްއިންވުން ހުއްޓާލުމަށް އަންގައިފިއެވެ.

އެޗްޕީއޭއިން ބުނީ، މިއަދު އިރުއޮއްސި 6:00 އިން ފެށިގެން ވަކި ގޮތެއް އަންގަންދެން ރާއްޖޭގެ ހުރިހާ ގެސްޓް ހައުސްތަކާއި ސިޓީ ހޮޓާތަަކަށް ބިދޭސީ ފަތުރުވެރިން ޗެކްއިންވުން ހުއްޓާލުމަށް އަންގާ ކަމަށެވެ. ނަމަވެސް އެފަދަ ތަންތަނަށް މިހާރު ޗެކްއިން ވެފައި ތިބި ބިދޭސީ ފަތުރުވެރިން ބުކިން ހަދާފައިވާ މުއްދަތުގައި ތިބުމުގަިއ އެއްވެސް ހުރަހެއް ނެތަކަމަށް އެޗްޕީއޭއިން ބުނެއެވެ.

ހަމައެއާއެކު އެ ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެންމެހާ އިދާރާތަކަށް އަންގާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. މީގެ އިތުރުން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް އެންމެހައި ފަރާތަތަކަށް އަންގާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮ ވިޑ-19 އާ ގުޅިގެން އެޗްޕީއޭއިން ގިނަ ފިޔަވަޅުތަކެއް އަޅާމުން އަންނަ އިރު ދާދި ފަހުން އެޗްޕީޢޭއިން ވަނީ ރިސޯޓްތަކާއި ސަފާރީތަކުން އެހެން ރަށްރަށާ ދެމެދު ދަތުރުކުރުން ހުއްޓާލުމަށް އެންގި އެންގުމަށް އިސްލާހުތަކެއް ގެެނެސް، އިސްތިސްނާ ހާލަތްތަކުގައި ދަތުރުކުރެވޭނެ ގޮތަށް ނިންމާފައެވެ.

ނަމަވެސް އެޗްޕީއޭއިން މީގެ ކުރިން ވަނީ ރިސޯޓުތަކާއި ސަފާރީތަކުން މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް މީހުން ދަތުރުކުރުން ހުއްޓާލަން އަންގާފައެވެ. އަދި ރަށްރަށުން ރިސޯޓުތަކާއި ސަފާރީތަކަށް ދަތުރުކުރުން ހުއްޓާލުމާއި އެއް ރިސޯޓުން އަނެއް ރިސޯޓަށް މީހުން ދަތުރުކުރުން ހުއްޓާލުމަށް ވެސް އެޗްޕީއޭން ވަނީ އަންގާފައެވެ.