ވަޒީފާ ގެއްލެމުން ދާތީ ސަފާރީތަކުގައި މަސައްކަތް ކުރާ މުވައްޒަފުން މުޒާހަރާކުރަން ފަށައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ސަފާރީއެއްގައި މަސައްކަތްކުރާ މީހަކު ބުނީ، އެ ފާރާތުން މުޒާހަރާ ކުރަމުން ދަނީ އެމީހުންގެ ހައްގުތައް ގެއްލިގެން ދާތީ ކަމަށެވެ. އެގޮތުން ހުޅުމާލެ ލަކުޑި ޖެޓީ ސަރަހައްދުގައި ސަފާރީތަކުގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުންތަކެއް ދަނީ އެ ފަރާތްތަކުގެ ވަޒީފާތައް ގެއްލިގެން ދާތީ، ކަންބޮޑުވުން ފާޅުކުރަމުން ކަމަށް އެ ފަރާތުން ބުނެއެވެ.

މި ކަމާ ގުޅިގެން ފުލުހުން ބުނީ، ދިވެހި ރާއްޖޭގެ އާންމު ސިއްހަތުގެ ކުއްލި ނުރައްކާތެރިކަން އިއުލާންކޮށްފައިވާ މި ދަނޑިވަޅުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގެވުމާ ހިލާފަށް އެއްވުންތައް ބޭއްވުމުގެ ފުރުސަތު ނުދިނުމަށް ނިންމާފައިވާ ކަމަށެވެ.

ސަފާރީތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން އިހުތިޖާޖު ކުރަނީ

ހަމައެއާއެކު ފުލުހުން ވަނީ އެންމެންގެ ރައްކަލައްތަކައި އެންމެންވެސް ގާނޫނީ ތަރަހައިގެ ތެރެއިން އަމަލު ކުރުމަށް އިލްތިމާސްކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ ސަބަބުން މިހާރުވެސް ރާއްޖޭގެ 50 ރިސޯޓެއް ވަނީ ބަންދުކޮށް 11،000 އެއްހާ މުވައްޒަފުންނަށް ވަނީ ނޯޕޭގައި ޗުއްޓީއަށް ދާން ޖެހިފައެވެ. ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ދަށުން ހިންގަމުންދާ ވިޔަފާރިތައް ހުއްޓިގެން ދާނެކަމަށް ސަރުކާރުން ވަނީ ލަފާ ދީފައެވެ.

މިހާރުވެސް ގިނަ އަދަދެއްގެ ރިސޯޓު މުވައްޒަފުން ދަނީ އެފަރާތަކަށް ދޭން ޖެހޭ މުސާރަ ނުދީ ރިސޯޓުގައި މަސައްކަތް ކުރުވާ ކަމުގެ އެތައް ޝަކުވާތަކެއް ކުރަމުންނެވެ.