ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް އަވަށްޓެރި އިންޑިއާގައި އިއުލާންކޮށްފައިވާ ކާފިއުގެ އަމުރާ ހިލާފުވާ ފަރާތްތައް ހައްޔަރުކޮށްފައި ބޭތިއްބުމަށް، ކްރިކެޓް ދަނޑަކާ ކުޅިވަރު ކޮމްޕްލެކްސްއެއް ވަގުތީ ޖަލަކަށް ބަދަލުކޮށްފައިވާކަމަށް އިންޑިއާ ފުލުހުންގެ އިސް އޮފިޝަލަކު ހާމަކުރައްވައިފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ވަގުތީ ޖަލަކަށް ބަދަލުކޮށްފައިވަނީ ސެކްޓާ 16 ކްރިކެޓް ދަނޑާ، މަނިމަޖްރާ ސްޕޯޓްސް ކޮމްޕްލެކްސްއެވެ. މިމަހުގެ 24 ވަނަ ދުވަހުން ފަށައިގެން މިތަންތަން ބޭނުން ކުރަމުންދަނީ ވަގުތީ ޖަލެއްގެ ގޮތުގައި ކަމަށާ، މިހާރު މިތަނުގައި 600 އެއްހާ މީހުން ހައްޔަރުކޮށްފައި އެބަތިބި ކަމަށް ޚަބަރު ލިބެއެވެ.

ޗައިންދިގަރު ޕޮލީސްގެ މީޑިއާ ތަރުޖަމާނު ޗްންދްރާޖީތު ސިންހް ވިދާޅުވީ، މި އެންމެންނަކީ އިންޑިއާގައި މިހާރު ތަންފީޒުކުރަމުންދާ ލޮކްޑައުންގެ އަމުރާ ހިލާފަށް ބޭރުތެރޭގައި އުޅެމުންދަނިކޮށް ހިފަހައްޓާ، ސުވާލު ކުރުމަށްފަހު ބަންދަށް ގެނެވިފައިވާ މީހުން ކަމަށެވެ. އަދި އެމީހުން ބަންދަށް ގެނެވިފައިވަނީ ސޯޝަލް ޑިސްޓަންސިންގްގެ އުސޫލުތަކަށް އެމީހުން އަހުލުވެރި ކުރުވުމަށް ކަމަށާ، އެމީހުންނަށް ކާންބޯންދީ ހަދަމުންދާކަމަށްވެސް އޮފިޝަލު ވަނީ ހާމަކުރައްވާފައެވެ. ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ ސާފުތާހިރުވާނެ ގޮތްތައްވެސް އެމީހުންނަށް ކިޔައިދޭ ކަމަށާ، ގާތްގަނޑަކަށް އެއް ދުވަހުގެ ތެރޭގައި އެމީހުން މިނިވަން ކުރެވެމުންދާ ކަމަށެވެ.

ސިންހް ވިދާޅުވީ ކަމާބެހޭ ފަރާތްތަކުން މީހުން ހައްޔަރުކޮށް، ބެލުމުގެ ދަށަށް ގެންނައިރުވެސް ސޯޝަލް ޑިސްޓަންސިންގްގެ އުސޫލުތަކަށް ބޯލަނބާނެ ކަމަށެވެ.

އިންޑިއާގެ ހަރްޔާނާ ސްޓޭޓްގައި ހާލުގައި ޖެހިފައިވާ ހިޖުރަވެރި މަސައްކަތްތެރިންނަށް ހާއްސަކޮށްފައިވާ ވަގުތީ ހިޔާވައްސެއް/ފޮޓޯ: ހަރްޔާނާ ޕޮލީސް ޑިޕާޓްމަންޓް

ސިންހް އިތުރަށް ވިދާޅުވީ، ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް މިހާރު ގެންނަ މީހުންނަށް ގާނޫނުން ހަރުކަށި އަދަބެއް މިވަގުތު ނުދިން ކަމުގައި ވީ ނަމަވެސް، ތަކުރާރުކޮށް ކުށް ކުރަމުންދާނަމަ އެފަދަ ފިޔަވަޅެއް އެޅުން އެކަށީގެންވާކަމަށްވެސް ސިންހް ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ ހަރްޔާނާގައިވެސް ވަނީ ހިޖުރަކޮށްފައިވާ މީހުންނަށް ހާއްސަކޮށްގެން ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ.