ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވި މީހުންގެ އަދަދު، އަވަށްޓެރި އިންޑިއާގައި ރެކޯޑް މިންވަރަކަށް އިތުރުވާން ފަށައިފިއެވެ.

އެގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ރެކޯޑްތަކަށް ބަލާއިރު ހޯމަ ދުވަހުގެ ނިޔަލަށް ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 227 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވް ވެފައެވެ. މިއާއެކު އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މި ވަނީ، 1251 އަށް އަރާފައެވެ. މިއީ 24 ގަޑިއިރުގެ ތެރޭގައި އިންޑިއާއިން މިހާ ގިނަ އަދަދެއްގެ ބަޔަކު މި ވައިރަހަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

މުޅި އިންޑިއާއަށް ބަލާއިރު ކޮވިޑް-19ގެ ކޭސްތައް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ކެރެލާއިންނެވެ. އެ ސްޓޭޓްއިން އެކަނިވެސް 202 ކޭހެއް ރިޕޯޓްކޮށްފައިވާއިރު، މަހާރާޝްރްރާއިން 198 މީހަކު ޕޮޒިޓިވްވެފައިވާކަމަށް ޚަބަރު ލިބެއެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި އަޑުއުފުލަމުންދާ އެތައް ބަޔަކު ދަނީ، އިންޑިއާގައި ކޮވިޑް-19އަށް ޓެސްޓު ކުރާ މިންވަރު އަދިވެސް އިތުރު ކުރުމަށް ގޮވާލަމުންނެވެ.

މި ބަލީގައި އިންޑިއާއިން މަރުވި މީހުންގެ އަދަދު 32 އަށް ވަނީ އަރާފައެވެ.