ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވި އުމުރުން 101 އަހަރުގެ ފިރިހެނަކު، އިޓަލީވިލާތުން ފަރުވާ ހޯދައިގެން ރަނގަޅުވި ވާހަކައަކީ މި ދުވަސްވަރު މީޑިއާގައި އެންމެ ގަދައަށް ދެކެވެމުންދާ އެއް ވާހަކައެވެ. މިކަން އިއުލާންކުރެއްވީ އިޓަލީވިލާތުގެ ސިޓީއެއް ކަމަށްވާ ރިމިނީގެ ޑެޕިއުޓީ މޭޔަރު ގްލޯރިއާ ލިޒީއެވެ. އިޓަލީވިލާތުގެ އިރުއުތުރުގައި އޮންނަ ރިމިނީއޭ ކިއުނު ސަރަހައްދުގެ ހޮސްޕިޓަލެއްގައި މި ފިރިހެން މީހާ (މީޑިއާގައި މުހާތަބުކުރަނީ މިސްޓާ ޕީ ގެ ނަމުން) ހުސްވި ހަފުތާ ތެރޭގައި އެޑްމިޓްކުރީ ކޮވިޑް-19އަށް ޕޮޒިޓިވްވެގެންނެވެ. މި ބައްޔަކީ އުމުރުން ދޮށިވާ ވަރަކަށް ނުރައްކާ ބޮޑު ރޯގާއެއްކަން އެންމެނަށްވެސް މިއަދު ގަބޫލުކުރެވެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ލިބުނު ޚަބަރަކީ ބަލި ފަސޭހަވެގެން އޭނާ ހޮސްޕިޓަލުން ދޫކޮށްލި ޚަބަރެވެ. މޭޔަރުވެސް ވިދާޅުވަނީ މިއީ އާދައިގެ ކަމެއް ނޫންކަމަށެވެ. އުމުރުން 100 އަހަރުން މައްޗަށް ގޮސްފައިވާ ފިރިހެނަކު ކޮވިޑް-19އިން ސަލާމަތްވުމަކީ މުސްތަގުބަލަށް ލިބުނު އުޖާލާ ކަމެއް ކަމަށް ގިނަ ބަޔަކު ސިފަކުރިއެވެ. މީހެއްގެ އުމުރަކީ އެމީހާގެ މުސްތަގުބަލާ މެދު އެއްވެސް އަންގައިދޭ އަދަދެއް ނޫންކަން މިއަދު އިޓަލީވިލާތުގެ ކިތަންމެ ބަޔަކު ގަބޫލުކުރެއެވެ.
މިސްޓާ ޕީ، މި ދުނިޔެއަށް ފުރަތަމަ ނޭވާ ލީ މީލާދީން 1919 ވަނަ އަހަރުއެވެ. އެއީ މަޝްހޫރު ބޮޑު ރޯގާ ނުވަތަ ސްޕެނިޝް ފްލޫގެ ބަލިމަޑުކަމުގައި މުޅި ދުނިޔެ ޖެހިފައި އޮތް ދުވަސްވަރެވެ. ސްޕެނިޝް ފްލޫ ބަލިމަޑުކަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ގާތްގަނޑަކަށް 30-50 މިލިއަނާ ދެމެދު އަދަދެއްގެ މީހުން މަރުވިއެވެ. އިޓަލީވިލާތުން އެކަނިވެސް 600000 އެއްހާ މީހުންގެ ފުރާނަ ގެއްލުނެވެ. މިހާ ހިސާބުންވެސް މިސްޓާ ޕީގެ ހާއްސަކަން އޮތީ ކުރިއަށެވެ. އޭނާ ބޮޑުވަމުން އައީ ފުރަތަމަ ބޮޑު ހަނގުރާމައާއި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުއެވެ. އަދި މިއަދު އޭނާ ވެފައިވަނީ، އިޓަލީވިލާތުގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލި ފަސޭހަވި އެންމެ ދޮށީ މީހާއަށެވެ.
އެއް ގަރުނު ފަސް
ސަތޭކަ އަހަރު ފަހެވެ. ޕިސްޓާ ޕީ އަނެއްކާވެސް އޮތީ ހޮސްޕިޓަލެއްގައި އެނދުމަތިކޮށްފައެވެ. އޭނާގެ ހަޔާތުގެ ފުރަތަމަ ދުވަސްތައްވެސް ގުނި ތަނުގައެވެ. އޭނާ މިދުނިޔެއާއި ވަކިވެ ތާ އަބަދުގެ އާލަމަށް ދަނީކަމުގައިވެސް ހީވާ ހާލުގައެވެ. އުމުރުން 65 އަހަރުން މަތީގެ މީހުންނަށް މި ބަލިޖެހުމުން ސަލާމަތްވާނެ ކަމަށް، ސިއްހީ ހިދުމަތްތެރިންގެވެސް އޮންނަނީ ކުޑަ އުއްމީދެކެވެ.
މިސްޓާ ޕީގެ ހާލަތު، މި ހުރިހާ ކަމެއް ބަދަލުކުރަން ފެށިއެވެ. ހަލުވި ދުވެއްޔެއްގައި ބަލި ފަސޭހަވުމާ ގާތަށް މިސްޓާ ޕީ ދިޔައީ ޖެހެމުންނެވެ. އޭނާއަކީ ހޮސްޕިޓަލުގައި އެންމެންވެސް އެމީހެއްގެ ވާހަކަ ދައްކާ މީހަކަށްވިއެވެ. އުއްމީދު ގެއްލިފައި ތިބި އެތައް ބަޔަކަށް، މިސްޓާ ޕީ ވެގެންދިޔައީ އުއްމީދުގެ ހުޅުކޮޅަކަށެވެ. ކަނޑަށް ޣަރަގުވި އޮޑިއެއްގައި އޮވެ ނޭވާ ހާސްވަމުން މަރަށް ތެޅެމުންދިޔަ އެތައް ބަޔަކަށް އުޖާލާކަން ގެނުވި މީހަކަށެވެ. އިސާހިތަކު މުޅި ދުނިޔޭގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ.
އުއްމީދީ ވާހަކައެއް
ކޮވިޑް-19އަކީ ބިރުހުރި ބަލިމަޑުކަމެކެވެ. މިކަން ބަޔާންކޮށްދިނުމަށް ބައެއް ފަރާތްތަކުން ބޭނުންކުރާ އުކުޅެއްގެ ސަބަބުން އެތައް ބަޔަކު މިއަދު ވަނީ އިންތިހާ މާޔޫސް ކަމެއްގެ ތެރޭގައި. ލޮލަށް ނުފެންނަ ވައިރަހަކުން މުޅި ދުނިޔެ ނާމާންކަމެއްގެ ތެރެއަށް ވައްޓާލިއިރު، އެކަމާ ގުޅިގެން ވާހަކަދެކެވެމުންދާ ގޮތަކުން އެތައް ބަޔަކަށް މިއަދު ވަނީ ނަފްސާނީ ބަލިމަޑުކަމެއް ކުރިމަތިވެފައެވެ.
މިފަދަ ހާލެއްގައި ދުނިޔެ ވަނިކޮށް، މިސްޓާ ޕީފަދަ މީހެއްގެ ވާހަކައިން އެތައް ބަޔަކަށް ހިތްވަރު ލިބި، މޫނުމަތިން އުފާވެރިކަމުގެ ހިނިތުންވުން ވަނީ ފެންނަން ފަށާފައެވެ. ވަކިން ހާއްސަކޮށް، އިޓަލީވިލާތް ފަދަ، އާބާދީގެ 23 ޕަސެންޓް، އުމުރުން 65 އަހަރުން މަތީގެ އާބާދީ ހިއްސާކުރާ ގައުމަކަށް މިއީ އުފާވެރި ޚަބަރެކެވެ.