އިކޮނޮމިކް މިނިސްޓްރީން ގާއިމްކޮށްފައިވާ ޖޮބް ސެންޓަރަށް ކޮވިޑް-19 އާ ގުޅިގެން 219 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް ކޮވިޑް-19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މިއަދާ ހަމައަށް ޖޮބް ސެންޓަރަށް ވަޒީފާއާ ގުޅުން ހުރި 219 މައްސަލަ އެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ކުރިއަށް އޮތްތަނުގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ދަށުން މަސައްކަތް ކުރާ ގިނަ ތަންތަނުގެ މަސައްކަތް ހުއްޓުމަކަށް އަންނާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. އެގޮތުން ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ މިހާތަނަށް 50 ރިސޯޓު ވަނީ ބަންދުކޮށްފައެވެ. އަދި މި ރިސޯޓުތަކުގައި އުޅޭ މުވައްޒަފުންތައް ވަނީ މުސާރަ ނުލިބޭ ގޮތަށް ޗުއްޓީގައި ތިބުމަށް އެދިފައެވެ.

މި ހާލަތުގައި ވަޒީފާގައި ތިބި މީހުންގެ ވަޒީފާ ދެމެހެއްޓުމަށްތަކައި ސަރުކާރުން ސްޓިމިއުލަސް ޕެކޭޖުގެ ދަށުން ވިޔަފާރިތަކަށް އެހީ ފޯރުކޮށްދޭއިރު އެހީ ފޯރުކޮށްދެމުން ދަނީ މުވައްޒަފުންގެ ހައްގުތައް ކަށަވަރުކޮށްދޭ ހަރުކަށި ޝަރުތުތަކާއެކުގައި ކަމަށް ސަރުކާރުން ބުނެއެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތާ ގުޅިގެން ވިޔަފާރިތަކަށް ވަރަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައި ވާތީ، މުވައްޒަފުންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގޮތުން ސަރުކާރުން ލޯނު ދޫކުރުމާއި، އެނޫންވެސް ގިނަ ގުނަ ލުއިތައް ވިޔަފާރި ކުރާ ފަރާތްތަކަށް ހަމަޖައްސައި ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ކޮވިޑް-19 ގެ ސަބަބުން ވަޒީފާގެ ހާލަތަށް ބަދަލެއް އައިސްފައިވާނަމަ ޖޮބް ސެންޓަރުގައި ރިޕޯޓްކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އިކޮނޮމިކް މިނިސްޓްރީއާ، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ގާއިމްކޮށްފައިވާ ޖޮބް ސެންޓަރަކީ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށް ދިނުމަށް ގާއިމްކޮށްފައިވާ ޕޯޓަލްއެކެވެ.