އިންޑިއާގެ އުއްތަރަ ޕްރަދޭޝްގައި ހާލުގައިޖެހިފައިވާ 2.75 މިލިއަނަށްވުރެ ގިނަ މަސައްކަތްތެރިންގެ ބެންކް އެކައުންޓްތަކަށް 81 މިލިއަން ޑޮލަރަށްވާ މާލީ އެހީގެ ފައިސާ ޖަމާކޮށްފިއެވެ.

މިއީ އެވަރޭޖުކޮށް ބަލާއިރު ބޮލަކަށް 29.45 ޑޮލަރެވެ.

29.45 ޑޮލަރަކީ އިންޑިއާގައި އެންމެ ދަށް އާމްދަނީގެ ގޮތުގައި ބޮލަކަށް ޖެހޭ ނިސްބަތުން ބަލާއިރު ގާތްގަނޑަކަށް 7 ދުވަހަށްވާ ފައިސާއެވެ. އިންޑިއާގެ ބާޒާރުގައި އަގުތައް ހުރި ނެތް ގޮތަށް ބަލާއިރު ދިއްލީއިން މުމްބާއީއަށް ދަތުރުކުރާ ފްލައިޓެއްގެ ޓިކެޓްގެ އަގަކީ ގާތްގަނޑަކަށް 70 ވަރަކަށް ޑޮލަރު ކަމަށްވާއިރު 1 ލީޓަރު ކިރުގެ އަގަކީ 1 ޑޮލަރެވެ.

މިފައިސާއަކީ އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ އިއުލާންކުރެއްވި 21 ދުވަހުގެ ލޮކްޑައުންއާ ގުޅިގެން އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހިފައިވާ ހިޖުރަވެރި މަސައްކަތްތެރިންނަށް އެހީގެ ގޮތުގައި ދެވޭ އެއްޗެކެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ލޮކްޑައުން ހާލަތަށް އިންޑިއާ ގެނައުމާއެ ހިޖުރަވެރި މަސައްކަތްތެރިންގެ ތެރެއިން ގިނަ ބައެއްގެ ވަޒީފާ ގެއްލިފައިވާއިރު، މުސާރަކޮޅުވެސް ނުލިބި ތިބި ގިނަ ބަޔަކު އެބަތިއްބެވެ.

އާންމު ދަތުރުފަތުރުތައްވެސް މެދުކަނޑާލާފައިވާ މި ދަނޑިވަޅުގައި ގިނަ އަދަދެއްގެ ހިޖުރަވެރި މަސައްކަތްތެރިން ދަނީ އެމީހުންގެ އަމިއްލަ ވަޒަނަށް ދިއުމަށް ފައިމަގުގައި ދަތުރުފަށާފައެވެ. އެތައް ސަތޭކަ މޭލަށް ފައިމަގުގައި ހިނގަންޖެހިފައިވާއިރު، 179 މޭލު ފައިމަގުގައި ހިނގާފައި ދާން އުޅުނު، އުމުރުން 40 އަހަރުގެ މީހެއްގެ ފުރާނަ ގެއްލިފައިވާކަން ދިއްލީ ފުލުހުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ދަނީ، ހާލުގައި ޖެހިފައިވާ ހިޖުރަވެރި މަސައްކަތްތެރިންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.