ހަލުވިކަމާއެކު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރެމުންދާއިރު އެގައުމުން މަރުވާ މީހުންގެ އަދަދު 100000 އަށް ނުވަތަ އެއަށްވުރެވެސް މައްޗަށް އެރުން އެކަށީގެންވާކަމަށް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ފުރަތަމަ ފަހަރަށް އިއުތިރާފުވެވަޑައިގެންފިއެވެ.

އާދީއްތަ ދުވަހުގެ ރޭ، ވައިޓް ހައުސްގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވަނީ، މި ބަލީގައި މަރުވާ މީހުންގެ އަދަދު ލައްކައަކަށްވުރެ ދަށްކުރެއްވިއްޖެ ނަމަ، އެއީ އެންމެން އެކުގައި ކުރެވުނު ރަނގަޅު މަސައްކަތަކަށް ވެގެންދާނެ ކަމަށް ވިދާޅުވެފައެވެ.

ޓްރަމްޕް މިފަދަ މޭރުމަކުން ވާހަކަފުޅުދައްކަވާފައި މިވަނީ، ސީއެންއެންގެ "ސްޓޭޓް އޮފް ދަ ޔޫނިއަން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، މިހާތަނަށް ލިބިފައިވާ މޮޑެލްތަކަށް ބަލާއިރު ކޮވިޑް-19ގައި އެމެރިކާއިން ލައްކައަކަށްވުރެ ގިނަ މީހުން މަރުވެދާނެ ކަމަށް އެމެރިކާގެ އިންފެކްޝަސް ޑިޒީޒް ތަޖުރިބާކާރު އަދި ކޮވިޑް-19 ޓާސްކްފޯސް ކޮމިޓީގެ މެމްބަރު ޑރ އެންތަނީ ފޯޗީ ވިދާޅުވި ވިދާޅުވުމާ ގުޅިގެންނެ ދެންނެވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެމެރިކާއިން ފިޔަވަޅުތައް އަޅަމުންދާއިރު ގައުމީ ފެންވަރުގައި ތަންފީޒު ކުރަމުންދާ އިޖުތިމާއީ ގައިދުރުކަން ނުވަތަ ސޯޝަލް ޑިސްޓަންސިންގް އުސޫލުތައް، އަންނަ އޭޕްރިލް މަހުގެ 30ގެ ނިޔަލަށް އިތުރުކުރުމަށް ނިންމަވާފައިވާކަންވެސް ޓްރަމްޕް ވަނީ ހާމަކުރައްވާފައެވެ.

ކޮވިޑް-19އާ ގުޅިގެން މިހާތަނަށް ހެދިފައިވާ އެންމެ ފުރިހަމަ ދިރާސާ އަތްޕުޅަށް ލިބިވަޑައިގެންފައިވާކަން ފާހަގަކުރައްވަމުން ޓްރަމްޕް ވިދާޅުވީ، "ކަމެއް ނުކޮށް ތިބެންވެއްޖެނަމަ" އެމެރިކާއިން ކޮވިޑް-19އަށް ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދު 2 މިލިއަނަށްވުރެ މައްޗަށް އަރާނެ ކަމަށެވެ.

ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެމެރިކާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދަކީ މިހާރު 142178 މީހުންނެވެ. ޖީއެމްޓީ ގަޑިން ރޭ މެންދަމު 00:00 ފަހުން އެކަނިވެސް 130އަށްވުރެ ގިނަ މީހުން ވަނީ އެމެރިކާގެ އެކި ހިސާބުތަކުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މި ބަލީގައި އެމެރިކާއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ، 2484އަށް އަރާފައެވެ.