ފާއިތުވީ ހަފުތާއެއްހާ ދުވަހަށް ބަލާއިރު އެމެރިކާއިން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ހަތަރު ގުނަ އިތުރުވެފައިވާކަމަށް ރެކޯޑްތަކުން ދައްކައިފިއެވެ.

އެމެރިކާއިން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ޗައިނާއާއި އިޓަލީވިލާތުން ޕޮޒިޓިވްވި މީހުންނަށްވުރެވެސް މައްޗަށް ވަނީ އަރާފައެވެ.

ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެމެރިކާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދަކީ މިހާރު 142178 މީހުންނެވެ. ޖީއެމްޓީ ގަޑިން ރޭ މެންދަމު 00:00 ފަހުން އެކަނިވެސް 130އަށްވުރެ ގިނަ މީހުން ވަނީ އެމެރިކާގެ އެކި ހިސާބުތަކުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މި ބަލީގައި އެމެރިކާއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ، 2484އަށް އަރާފައެވެ.

އެމެރިކާއިން ބަލި ފެންނަމުންދާ ހަލުވިމިނުގައި އެ ގައުމުން މަރުވާ މީހުންގެ އަދަދުވެސް ދަނީ ހަލުވިކަމާއެކު އިތުރުވަމުންނެވެ. އެމެރިކާގެ ހުރިހާ ސަރަހައްދަކަށް ބަލާއިރު ކޮވިޑް-19ގެ ޝިކާރައަކަށްވެ، މީހެއްގެ ފުރާނަ ގެއްލިގެން ރިޕޯޓް ނުކޮށް އޮތީ ވްޔޯމިންގްއާއި ހަވާއިން އެކަންޏެވެ.

ކޮވިޑް-19އާ ދެކޮޅަށް މަސައްކަތް ކުރުމަށް ވައިޓް ހައުސް އިން އެކުލަވާލާފައިވާ ޓާސްކްފޯސްގެ މެމްބަރު ޑރ އެންތަނީ ފޯޗީ ވަނީ، އެމެރިކާއިން މިލިއަނެއްހާ މީހުން ކޮވިޑް-19އަށް އަށް އެރުން އެކަށީގެންވާކަމުގެ އިޝާރާތެއް ކުރައްވާފައެވެ.

ކަންމިހެން އޮތްއިރު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ މި ބަލީގައި އެމެރިކާއިން މަރުވާ މީހުންގެ އަދަދު 100000، ނުވަތަ އެއަށްވުރެ ދަށުން ރެކޯޑްކުރެވިއްޖެނަމަ އެއީ ރަނގަޅަށް މަސައްކަތް ކުރެވުނު ކަމުގެ ހެއްކެއް ކަމަށް ވިދާޅުވެފައެވެ.