ރާއްޖެއިން ބޭރުގައި އެންމެ ގިނަ އަދަދަކަށް ދިވެހިން ވަޒަންވެރިގެން ދިރިއުޅެމުންދާ އަވަށްޓެރި ސްރީލަންކާއިން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 117 އަށް އަރައިފިއެވެ.

ސްރީލަންކާގެ ސިއްހަތާ ބެހޭ ވުޒާރާއިންވެސް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ 105 މީހަކާ، އެ ބައްޔަށް ޝައްކުކުރެވޭ 117 މީހަކު، ސްރީލަންކާގެ އެކި ހިސާބުތަކުގައި ކަނޑައެޅިފައިވާ ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ހޯދަމުންދާކަމަށް މައުލޫމާތު ލިބެއެވެ.

ކޮވިޑް-19ގެ ޝިކާރައަކަށްވެ ސްރީލަންކާއިން މީހަކު މަރުވެގެން ފުރަތަމަ ފަހަރަށް ރިޕޯޓްކުރީ އިއްޔެގެ ވަގުތެއްގައެވެ. މަރުވެފައިވަނީ މަރާވިލާ ސަރަހައްދުން ކޮވިޑް-19އަށް ޕޮޒިޓިވްވި، އުމުރުން 60 އަހަރުގެ ފިރިހެނެއް ކަމަށް ޚަބަރު ލިބެއެވެ.

ސްރީލަންކާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 11 މީހަކު ވަނީ ފަރުވާ ހޯދައިގެން ރަނގަޅުވެފައެވެ.

ކޮވިޑް-19އާ ގުޅިގެން ސްރީލަންކާގެ ސަލާމަތީ ބާރުތަކުން ފޯރިމަރަނީ/ފޮޓޯ: ދަ ސްޓޭޓްސްމަން

ބައެއް ސަރަހައްދުތަކަށް ލުއި ދީ، އަނެއް ބައި ސަރަހައްދުތައް އައިސޮލޭޝަނަށް

ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ސްރީލަންކާއިން މިހާރުވެސް ދަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. ނަމަވެސް 6 ޑިސްޓްރިކްޓްއެއް ފިޔަވާ އެހެން ހުރިހާ ސަރަހައްދެއްގައި މިއަދު ހެނދުނު ލަންކާ ގަޑިން 06:00 އިން ފެށިގެން ވަނީ ކާފިއުގެ އަމުރަށް ވަގުތީ ގޮތުން ލުއި ދީފައެވެ.

އަދިވެސް ކާފިއު ހިންގަމުންދާ ސަރަހައްދުތަކުގެ ތެރޭގައި ކޮލޮމްބޯ، ގަމްޕަހަ، ކަލުތަރާ، ޕައްޓަލަމް، ކެންޑީ އަދި ޖަފްނާ ޑިސްޓްރިކްޓް ހިމެނެއެވެ. މި ސަރަހައްދުތަކުގައި ކާފިއުގެ އަމުރަށް ލުއި ދީފައި ނުވަނީ، މި ސަރަހައްދުތަކަކީ ކޮވިޑް-19ގެ އިންފެކްޝަންއަށް އެންމެ ނުރައްކާ ބޮޑު ސަރަހައްދުތަކުގެ ގޮތުގައި ސްރީލަންކާގެ ސިއްހަތާ ބެހޭ އިދާރާތަކުން ފާހަގަކޮށްފައިވާ ސަރަހައްދުތަކަކަށްވާތީއެވެ.

ކާފިއުގެ އަމުރަށް މިއަދު ވަގުތީ ގޮތުން ލުއި ދިން ސަރަހައްދުތަކުގައި، އަލުން އަނބުރާ ކާފިއުގެ އަމުރު ތަންފީޒުކުރަން ފަށާނީ ލަންކާ ގަޑިން މިއަދު މެންދުރުން އަނބުރާ 02:00ގައެވެ.

ކަންމިހެން އޮތްއިރު، ޒަރޫރީ ބޭނުމަކަށް މެނުވީ އެއް ޑިސްޓްރިކްޓްއިން އަނެއް ޑިސްޓްރިކްޓްއަށްވެސް ދަތުރު ނުކުރެވޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ. މި ގަވައިދުތަކުގެ ނާޖާއިޒު ފައިދާ ނަގާ ފަރާތްތަކާ ދެކޮޅަށް ގާނޫނުން ދެވެން އޮތް އެންމެ ހަރުކަށި އަދަބެއް ދޭނެ ކަމުގެ އިންޒާރު، ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

ކާފިއު އަމުރާ ހިލާފުވެގެން މިހާތަނަށް 6850 މީހަކު ހައްޔަރުކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ކަލުތަރާ ޑިސްޓްރިކްޓްގެ އަތުލުގަމާއާ، ކެންޑީގެ އަކުރާނާ އޭ ކިއުނު ސަރަހައްދަކީ މިހާރު އައި ސޮލޭޓް ކުރެވިފައިވާ ސަރަހައްދުތަކެއް ކަމުގައި ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ކަނޑައަޅާފައެވެ. މި އަވަށްތަކަށް ވަދެނިކުމެވުން މިހާރުވަނީ މުޅިން ހުއްޓުވާލެވިފައެވެ.