ފިލިޕީންސްގެ ވެރިރަށް މަނީލާއިން ޖަޕާނުގެ ހަނޭޑާއަށް ދަތުރުކުރުމަށް އުދައްސާލަން އުޅުމުގެ ތެރޭގައި ލަޔަން އެއާގެ މެޑިކަލް އިވަކުއޭޝަން (މެޑިވެކް) މަތިންދާބޯޓު ގޮވާ، ބޯޓުގައި ތިބި ހުރިހާ އެންމެން މަރުވެއްޖެއެވެ.

ހާދިސާ ހިނގާފައިވަނީ މަނީލާގެ މައި އެއާޕޯޓްގެ ރަންވޭގެ ކޮޅާ ހިސާބުގައެވެ.

ދައުރުވަމުންދާ ވީޑިއޯތަކަށް ބަލާއިރު، ރޭގަނޑުގެ އަނދިރިކަމުގެ ތެރޭގައިވެސް ބޯޓުން ދުން އަރަމުންދާ މަންޒަރު ފެނެއެވެ.

ވެސްޓް ވިންޑް 24 މަރުކާގެ މި މަތިންދާ ބޯޓު ގޮވިއިރު އޭގައި ތިބީ ސިއްހީ ހިދުމަތްތެރިންގެ ގޮތުގައި ތިބި 3 މީހުންނާ، ފްލައިޓް ކުރޫއިންގެ ގޮތުގައި ތިބި 3 މީހުންގެ އިތުރުން ބަލި މީހަކާ، އޭނާއާއި އެކުގައި އައި މީހެއް ކަމަށް، ފިލިޕީންސްގެ ރެޑްކްރޮސްގެ އިސްވެރިޔާ ރިޗާޑް ގޯޑަންވަނީ އޭނާގެ ޓްވިޓާ އެކައުންޓްގައި ހާމަކުރައްވާފައެވެ.

މަނީލާ އެއާޕޯޓްގެ ޖެނެރަލް މެނޭޖަރު އެޑް މޮންރެއާލް ވިޑާލުވީ، ބޯޓުގައި ތިބި 8 މީހުންގެ ތެރެއިން 2 މީހަކީ ބިދޭސީން ކަމަށާ، އެތަނުން އެކަކީ ކެނެޑާ މީހެއް ކަމަށާ، އަނެއް މީހަކީ ކެނެޑާ ރައްޔިތެއް ކަމަށެވެ.

ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ހޯދުމަށް ތަހުގީގުކުރަމުންނެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާ ގުޅިގެން ފިލިޕީންސްގައި އޮޕަރޭޓްކުރާ ގިނަ އަދަދެއްގެ ފަސެންޖާ ޖެޓްތައް މިހާރުވެސް ވަނީ ގްރައުންޑްކޮށްފައެވެ.