މުޅި ދުނިޔެއަށްހެން ފެތުރިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ފެށުން ކަމަށްވާ ޗައިނާގެ ހޫބޭ ޕްރޮވިންސަށް ރޭ ދަންވަރު 00:00 އިން ފެށިގެން ޑޮމެސްޓިކް ފްލައިޓްތައް އޮޕަރޭޓްކުރަން ފަށައިފިއެވެ.

ކާގޯ ފްލައިޓްތަކާ ޕަސެންޖާ ފްލައިޓްތައް އޮޕަރޭޓްކުރަން ފެށިކަމުގައި ވީ ނަމަވެސް، ހޫބޭ ޕްރޮވިންސްގައި އޮންނަ ވޫހާންއަށް އަދި ޑޮމެސްޓިކް ފްލައިޓްތައް އޮޕަރޭޓްކުރަން ނުފަށާނެ ކަމަށްވެސް ޗައިނާގެ ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން އިންވަނީ ހާމަކޮށްފައެވެ.

ކޮވިޑް-19ގެ އެޕިސެންޓާ ނުވަތަ ފެށުމާ ނުރައްކާ އެންމެ ބޮޑު ސަރަހައްދުގެ ގޮތުގައި އޮތް ހޫބޭ ޕްރޮވިންސްގައި ޗައިނާގެ ސަރުކާރުން އަޅަމުންދިޔަ ހަރުކަށި ފިޔަވަޅުތަކަށް މިހާރު ދަނީ މަޑުމަޑުން ދޫދެމުންނެވެ. ހޫބޭ ޕްރޮވިންސްގައި އިއުލާންކޮށްފައިވާ ހަރުކަށި ފިޔަވަޅުތަކަށް ދޫދޭން ފަށާފައިވަނީ އެ ޕްރޮވިންސްއިން ކޮވިޑް-19ގެ ކޭސްތައް ފެންނަ މިންވަރު އިންތިހާއަށް ދަށްވާން ފެށުމުންނެވެ.

ޗައިނާއިން މިއަދު ކޮވިޑް-19އަށް ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފައިވަނީ 45 ކޭހެކެވެ. މީގެ ތެރެއިން 44 ކޭހަކީ އެގައުމަށް އިމްޕޯޓްވެފައިވާ، ނުވަތަ ބޭރު ގައުމުތަކުން އެތެރެވި މީހުންގެ ފަރާތުން ފެނުނު ކޭސްތައް ކަމަށް ޚަބަރު ލިބެއެވެ. އަނެއް ކޭހަކީ ލޯކަލް ކޭހެއް ކަމަށް މައުލޫމާތު ލިބެއެވެ.