ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން ހާލުގައިޖެހޭ ފަރާތްތަކަށް އެހީވުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރޭންދްރާ މޯދީ، ހާއްސަ ފަންޑެއް ހުޅުވައިދެއްވައިފިއެވެ.

"ޕީއެމް ކެއާޒް ފަންޑް"ގެ ނަމުގައި ހުޅުވާފައިވާ މި ފަންޑަކީ، އާންމުންނަށްވެސް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވޭ ގޮތަށް އެކުލަވާލާފައިވާ ފަންޑަކަށްވާއިރު، މި ފަންޑުން ފައިސާ ޚަރަދު ކުރަން ހަމަޖެހިފައިވަނީ ކޮވިޑް-19ގެ ސަބަބުން ހާލުގައިޖެހޭ ފަރާތްތަކަށް އެހީވުމަށް އިންޑިއާ ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ކަމަށް މައުލޫމާތު ލިބެއެވެ.

ޓްރަންސްޓް ފަންޑް އުސޫލުން އެކުލަވާލާފައިވާ މި ފަންޑުގެ ޗެއާމަނަކީ ބޮޑުވަޒީރު މޯދީކަމަށްވާއިރު، މެމްބަރުންގެ ގޮތުގައި ދެން ތިއްބަވަނީ ދިފާއީ ވަޒީރު، މާލީ ވަޒީރު އަދި ދާހިލީ ވަޒީރެވެ.

ޕީއެމް ކެއާޒް ފަންޑް ނުވަތަ ޕްރައިމް މިނިސްޓާޒް ސިޓިޒަން އެސިސްޓަންސް އެންޑް ރިލީފް އިން އިމާޖެންސީ ސިޗުއޭޝަންސް ފަންޑްއާ ބެހޭ ގޮތުން ކުރެއްވި ޓްވީޓްއެއްގައި މޯދީ ވިދާޅުވީ، ކޮވިޑް-19އާ ދެކޮޅަށް އިންޑިއާއިން ކުރަމުންދާ ހަނގުރާމާއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެކި ފަންތީގެ މީހުން ޝައުގުވެރިކަން ފާޅުކުރަމުންދާކަމަށެވެ. މިއީ ދުޅަހެޔޮ އިންޑިއާއަކަށް ކޮށުނު މުހިންމު ރާސްތާއެއްކަންވެސް މޯދީ ވަނީ ފާހަގަކުރައްވާފައެވެ.

އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 987 އަށް އަރާފައެވެ. މި ބަލީގައި އިންޑިއާއިން މަރުވި މީހުންގެ އަދަދު 25 އަރާފައިވާކަމަށް ޚަބަރު ލިބެއެވެ.