އިންޑިއާގައި ނުގެނެވި ހުރި ބޭހުގެ ބާވަތްތައް ގެންނައުމުގެ މަސައްކަތް ފަށައިފިއެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ، އިންޑިއާގައި ނުގެނެވި ހުރި ބޭހުގެ ބާވަތްތައް ގެންނަނީ އިންޑިއާއިން ރާއްޖެއަށް ގެންނަން ޖެހޭ ބޭހުގެ ބާވަތްތައް ކޮވިޑް-19 އާ ގުޅިގެން އިންޑިއާއިން އެޅި ފިޔަވަޅުތަކުގެ ސަބަބުން ނުގެނެވި ލަސްވުމާ ގުޅިގެން ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ، އިންޑިއާގެ 5 ސިޓީއަކުން ރާއްޖެ ގެނައުމަށް ތައްޔާރުކޮށްފައިވާ ބޭހުގެ ބާވަތްތައް ތައްޔާރަށް ހުރިނަމަވެސް އެތަކެތި ރާއްޖެއަށް ގެނައުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. ދަތިތައް ދިމާވެފައިވަނީ ކޮވިޑް-19އާ ގުޅިގެން މުޅި އިންޑިއާ ލޮކްޑައުން ކުރެވިފައިވުމާ ގުޅިގެން، އެގައުމުގެ ދަތުރުފަތުރުގެ ނިޒާމަށް މަޑުޖެހުމެއް އައިސްފައިވާތީއެވެ.

މި ބޭސްތަކަކީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އޯޑަރުކޮށްފައިވާ ބޭސްތައް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި މިކަމާ ގުޅޭގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓާ ޑރ ސުބްރަމާނިއަމް ޖައިޝަންކަރާ ފޯނުން ގުޅުއްވައި މަޝްވަރާކުރައްވާފައެވެ. އަދި ބޭހުގެ ބާވަތްތައް މެދުކެނޑުމެއް ނެތި ރާއްޖެއަށް ފޯރުކޮށްދިނުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން، މިމަހުގެ 14 ވަނަ ދުވަހު އިންޑިއާއިން ވަނީ ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބޭހުގެ 3 މަސްދުވަހުގެ ސްޓޮކް ހިލޭ ދީފައެވެ. ލޮކްޑައުން ހާލަތާ ގުޅިގެން ކާޑުގެ ބައެއް ބާވަތްތައް އިންޑިއާގެ ބަނދަރުތަކުން ބަރުކުރުމުގައި ދިމާވި ދަތިތައް ފިލުވައި، މިހާރު ބައެއް ޝިޕްމަންޓްތައް ވަނީ ރާއްޖެއަށް ގެނެވިފައެވެ.