މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފުރަތަމަ ފަހަރަށް ފެނުނު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާ ބެހޭ ގޮތުން ދުނިޔޭގެ ބޮޑެތި ގައުމުތަކާ ޖަމިއްޔާތަކުން އަދިވެސް ދަނީ ކަންކަން ދަސްކުރަމުންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން 200އަށްވުރެ ގިނަ ގައުމާ ސަރަހައްދަށް ބަލި ފެތުރި، ބައި މިލިއަނަށްވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، ބަލިން ދިފާއުވުމަށް އެޅިދާނެ ފިޔަވަޅުތައްވެސް ތަޖުރިބާކާރުން ދަނީ ކެނޑިނޭޅި މުރާޖައާ ކުރަމުންނެވެ.

ކަންމިހެން އޮތްއިރު، ކޮވިޑް-19 ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށް ގައުމުތަކުން އަމަލުކުރަންޖެހޭ އާންމު އިރުޝާދުތައް ބަޔާންކޮށްދެމުންދާ އެންމެ ވަރުގަދަ އިދާރާއަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އެވެ. ޑަބްލިއު.އެޗް.އޯއިން ދަނީ ކޮވިޑް-19އާ ގުޅިގެން ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކާ، އެ ފިޔަވަޅުތައް އެންމެ ބިނާކުރަނިވި ގޮތެއްގައި ތަންފީޒު ކުރާނެ އުސޫލުތަކާ، އަމުލުކުރަންހެހޭ އުސޫލުތައް ބަޔާންކޮށްދެމުންނެވެ.

ފަރުކޮޅުފުށި، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ތެރޭގައި އޮންނަ މި ރަށުގައި މިހާރު ވަނީ ކޮވިޑް-19 އަށް ކަރަންޓީން ފެސިލިޓީއެއް ހަދާފައި

ކޮވިޑް-19އިން ސަލާމަތްވުމަށް ސާފުތާހިރުކަން އިސްކުރަންޖެހޭ ކަމާ، އިޖުތިމާއީ ގައިދުރުކަން ނުވަތަ ސޯޝަލް ޑީސްޓަންސިންގްގެ އުސޫލުތައް ގެންގުޅެންޖެހޭ ކަމީ ފަރުދީ ފެންވަރުގައި އަދާކުރަންޖެހޭ ޒިންމާތަކަކަށްވާއިރު، ސަރުކާރު ނުވަތަ ދައުލަތް ހިންގާ ބާރު ނުވަތަ ކޮވިޑް-19ގެ ކާރިސާ މެނޭޖުކުރުމަށް ކަނޑައަޅާފައިވާ ފަރާތްތަކުން އަމަލުތައް ބަހައްޓަންވީ ގޮތްވެސް ޑަބްލިއު.އެޗް.އޯއިން ދަނީ ތަފްސީލުކޮށްދެމުންނެވެ.

އާންމު ބަލިމަޑުކަމަކަށް ނުވެ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ގައުމުތަކުން އަޅަމުންދާ އެންމެ އާންމު ފިޔަވަޅަކީ ކަރަންޓީނުކުރުންކަން މިއަދު އެންމެންހެން ގަބޫލުކުރެއެވެ. ބަލި ފެތުރެމުންދާ މަންޒިލްތަކުން އަންނަ މީހުން ކަރަންޓީނު ކުރުމުގެ މަސައްކަތް ދުނިޔޭގެ ހުރިހާ ހިސާބެއްގައިހެން ދަނީ ކުރިއަށެވެ. އަންމު ކަރަންޓީނުގެ މުއްދަތަކީ، ބަލި ފެތުރެމުންދާ މަންޒިލަކުން އައިތާ 14 ދުވަސް ފުރިހަމަ ކުރުމެވެ. މި 14 ދުވަހަކީ ކޮވިޑް-19ގެ ވައިރަހުގެ އަސަރުކޮށްފައިވާނަމަ އެ އަލާމާތްތައް ފެންނަން ނަގާ މުއްދަތު ނުވަތަ އިންކިއުބޭޝަން ޕީރިއަޑްއެވެ. ނަމަވެސް ކޮވިޑް-19ގެ އިންކިއުބޭޝަން ޕީރިއަޑްވެސް އަދި މުޅިން ކަށަވަރެއް ނުވެއެވެ.

ކަރަންޓީނު ކުރަން ފަށަންޖެހެނީ ކޮން ހާލަތެއްގަ

19 މާޗް 2020 ގައި ޑަބްލިއު.އެޗް.އޯއިން އާންމުކުރި އިރުޝާދު ބުނާ ގޮތުގައި ކަރަންޓީނަށް ދާންޖެހެނީ ކުރިންވެސް ދެންނެވިފަދައިން ބަލި ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށެވެ. ނަމަވެސް އެއީ އެކަށީގެންވާ މިންވަރަށް ސަމާލުކަން ދީގެން ކުރާ ކަމަކަށް ނުވެއްޖެނަމަ ބަލިމަޑުކަން އިތުރަށް ފެތުރިގެން ދިއުމުގެ އަސްލަކަށް އެކަންވެގެން ހިނގައިދާނެ ކަމުގެ އިންޒާރުވެސް ޑަބްލިއު.އެޗް.އޯއިންވަނީ ދީފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޑިސް އިންފެކްޓު ކުރަނީ / ފޮޓޯ: އެމްއޭސީއެލް

ކަރަންޓީނަށް ދާންޖެހޭ މީހަކީ ކޮބާ؟

  • އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ފާއިތުވީ 14 ދުވަހުގެ ތެރޭގައި ހިނގާފައިވާ ކޮންމެ މީހަކީ ކަރަންޓީނަށް ދާންޖެހޭ މީހެކެވެ.
  • ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހަކާ ބައްދަލުވެފައި ހުރުން (ކްލޯޒް ކޮންޓެކްޓްގެ ގޮތުގައި ބަލަނީ ބަލިހުރި މީހަކާ 1 މީޓަރަށްވުރެ ގާތުން 15 މިނެޓަށްވުރެ ގިނައިރު އެކުގައި ހުރެވުން)
  • އެކަށީގެންވާ ރައްކާތެރިކަމުގެ އަލާތްތައް ބޭނުންކުރުމަކާ ނުލާ ކޮވިޑް-19ގެ ޕޭޝަންޓަކަށް ފަރުވާ ކުރަން އުޅުން
  • ކޮވިޑް-19ގެ އަސަރުކޮށްފައިވާ މީހަކާ ގާތުގައި ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް އުޅެވިފައި ހުރުން (މަސައްކަތު މާހައުލު، ކުލާސް، އޮފީސް، ގޭތެރެ، އެއްވުމެއް)
  • ކޮވިޑް-19 ގެ އަސަރު ހުރި މީހަކާ 1 މީޓަރު ގާތުގައި ހުރެގެން ދަތުރުކޮށްފައިވުން
  • ރިސްކް ކެޓަގަރީއަށް ފެތޭ ކަމެއް މެދުވެރިވެފައިވާ މީހެއް ކަމަށް ގައުމީ އެސެސްމަންޓް ސްކީމުގައި ފާހަގަކޮށްފައިވުން

ކަރަންޓީނަށް ފޮނުވާލުމުން އެ ނިމުނީތަ؟

ކޮވިޑް-19ގެ އަބަދުވެސް ބަދަލުވަމުންދާ ހާލަތެކެވެ. އެހެންކަމުން މިކަމާ ގުޅުންހުރި ކޮންމެ ކަމަކީ ވަރަށް ގާތުން އަބަދުމެހެން ވިލަރެސްކުރަންޖެހޭ ކަމެކެވެ. ޑަބްލިއު.އެޗް.އޯއިންވަނީ ކަރަންޓީނަށް މީހަކު ފޮނުވާލުމަށްފަހު، ކަމާބެހޭ ފަރާތްތަކުން އެންމެ ކުޑަވެގެން އަޅަންޖެހޭ އަސާސީ ފިޔަވަޅުތައްވެސް ތަފްސީލުކޮށްދީފައެވެ.

އެގޮތުން ކަރަންޓީނަށް މީހަކު ފޮނުވާލުމަށްފަހު އެމީހާގެ ސިއްހީ ހާލަތު ދުވަހުން ދުވަހަށް މޮނިޓާ ކުރަންޖެހޭ ކަމަށާ، ބަލީގެ އަލާމާތްތައް ފެނޭތޯ ބަލަންޖެހޭ ކަމަށް ޑަބްލިއު.އެޗް.އޯއިން ބުނެއެވެ.

ކަރަންޓީނު ފެސިލިޓީތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ސަލާމަތާ ރައްކާތެރިކަމާ، ހާލަތަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް ޑަބްލިއު.އެޗް.އޯއިން އިރުޝާދުދެއެވެ.

އައިސޮލޭޝަން ފެސިލިޓީތަކުގެ މަސައްކަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައްލަވާ ލަނީ / ފޮޓޯ: ރައީސް އޮފީސް

ކަންމިހެން އޮތްއިރު، އިސްވެ ބަޔާންކޮށްފައިވާ 19 މާޗް 2020 ވަނަ ދުވަހުގެ އިރުޝާދުން ފާހަގަކުރެވޭ އެންމެ މުހިންމު އެއް ނުކުތާއަކީ، ކަރަންޓީނަށް ދާ ކޮންމެ މީހަކީވެސް ޓެސްޓުކުރެވެންޖެހޭނެ މީހެއް ކަމަށް ބުނާ ނުކުތާއެވެ. އެގޮތުން ކޮންމެ މީހެއްގެ ކަރަންޓީނު މުއްދަތު ހަމަވުމުން، އެމީހެއްގެ ހަށިގަނޑުން (ވަކިން ހާއްސަކޮށް ނޭވާލާނިޒާމުގެ) ސާމްޕަލް ނަގައި، ލެބޯޓްރީއެއްގައި އެ ސާމްޕަލް ތަހުލީލުކޮށް ނަތީޖާ ކަށަވަރުކުރަންޖެހޭ ކަމަށް ޑަބްލިއު.އެޗް.އޯއިންވަނީ އަންގާފައެވެ.

މި އިރުޝާދުތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ގައުމުތަކަކުން ލިބެމުންދާ އިރުޝާދާ ފިލާވަޅުތަކަށް ބަލައިގެން އެކުލަވާލާ އިރުޝާދުތަކަކަށްވާއިރު، ކަމާ ބެހޭ ބައިނަލްއަގުވާމީ ތަޖުރިބާކާރުން ދެއްވާ މިފަދަ އިރުޝާދުތަކަށް ގައުމުތަކުން ކިޔަމަންވުމަކީ އެންމެންގެ މަސްލަހަތު އެކަމުގައި އެކުލެވޭ ކަމެކެވެ.

ޑަބްލިއު.އެޗް.އޯގެ ޑައިރެކްޓާ ޖެނެރަލް ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސްވެސް ގެންދަވަނީ ވީހާވެސް ގިނައެއްކޮށް ޓެސްޓުކޮށް، ކޮވިޑް-19 ފެތުރިގެންދާ ޗޭނު މެދުކަނޑާލުމަށް ގައުމުތަކަށް ގޮވާލައްވަމުންނެވެ.