ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑަ-19)އާ ގުޅިގެން އިންޑިއާގެ ޕަންޖާބުގެ ސްޓޭޓްގެ 20 އަވަށަކުން 40000 އެއްހާ މީހުން ކަރަންޓީނަށް ގެންދަން ޖެހުނީ 1 މީހެއްގެ ސަބަބުން ޚަބަރު ލިބިއްޖެއެވެ.

މިކަމެއް ހިނގީ އުމުރުން 70 އަހަރުގެ ފިރިހެނަކު، ކޮވިޑް-19ގެ ޝިކާރައަކަށްވެ މަރުވި ހިސާބުންނެވެ. ފާހަގަކުރަންޖެހޭ ކަމަކީ، އޭނާއަކީ ކޮވިޑް-19ގެ ޝިކާރައެއްކަން އެނގުނީ، މަރުވި ފަހުން ކަމަށްވުމެވެ.

މަރުވި މީހަކީ ސިކުންނަށް ދީނީ ފަތުވާ ދިނުމުގައި އުޅޭ މީހެކެވެ. ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށްވެސް އޭނާ ބޯލަނބާފައެއް ނުވެއެވެ. އިޓަލީވިލާތާ ޖަރުމަނުވިލާތަށް ކުރި ދަތުރަށްފަހު ސެލްފް ކަރަންޓީނަށް ދާންޖެހުނު ނަމަވެސް، އެ އަމުރަށްވެސް އޭނާ ކިޔަމަންވެފައެއް ނުވެއެވެ.

އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 887 އަށް އަރާފައިވާއިރު ޕަންޖާބުން ޕޮޒިޓިވްވި މީހުންގެ އަދަދު ހަމަ ޔަގީނުންވެސް 30 އަށް އަރައެވެ.

ކަންމިހެންއޮތްއިރު، ތަޖުރިބާކާރުން ބުރަވާ ގޮތުގައި އިންޑިއާގައި ކޮވިޑް-19އަށް ޕޮޒިޓިވް ކޭސްތަކުގެ ހަގީގީ އަދަދު މިއަށްވުރެ މާ ގިނަވާނެއެވެ. އިންޑިއާއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް ކޮވިޑް-19އަށް އެންމެ މަދުން ޓެސްޓުކުރާ ގައުމުތަކުގެ ލިސްޓުން ޖާގަ ހޯދާ ގައުމެކެވެ.

1.3 ބިލިއަން މީހުންގެ އާބާދީއެއް އޮތް އިންޑިއާގައި ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރިގެން ދިއުންވާނީ ބޮޑު ކާރިސާއަކަށެވެ.

ކޮވިޑް-19ގެ ޝިކާރައަކަށްވި 70 އަހަރުގެ ފިރިހެން މީހާއަށް ކިއަނީ ބާލްދޭވް ސިންހްއެވެ. އޭނާ މަރުވީ ސިކުންގެ ދީނީ ހަރަކާތުގެ ބޮޑު ޖަމާއަތަކަށް ދިޔަތާ މާ ގިނަ ވަގުތެއް ފާއިތު ނުވަނީހެވެ. 6 ދުވަހަށް ދެމިގެންދިޔަ އެ ހަރަކާތުގައި ދުވާލަކު 10000 އެއްހާ މީހުން ބައިވެރިވެއެވެ.

ސިންހް މަރުވިތާ ހަފުތާއެއްހާ ދުވަސް ފަހެވެ. އޭނާގެ އާއިލާގެ 19 މެމްބަރަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

އިންޑިއާގެ އިސް އޮފިޝަލަކު ވިދާޅުވީ، މިހާތަނަށް ހަދާފައިވާ ކޮންޓެކްޓް ޓްރޭސިންގްއަށް ބަލާއިރު 550 މީހަކު ޑައިރެކްޓް ކޮންޓެކްޓްވިކަމަށް ފާހަގަކުރެވިފައިވާކަމަށާ، މިއަދަދު އަދިވެސް އިތުރުވަމުންދާކަމަށެވެ. ސިންހް ދިރިއުޅެމުންދިޔަ އަވަށުގެ ވަށައިގެންވާ 15 އަވަށެއް ހިމެނޭ ގޮތަށް އެ ސަރަހައްދު މިހާރު އޮތީ ބަންދުވެސް ކޮށްފައެވެ. މި ސަރަހައްދާ ގުޅޭ އިތުރު 5 އަވަށެއްވެސް މިހާރު ވަނީ ބަންދުކޮށްފައެވެ.

މިއީ މިފަދަ ކަމެއް އިންޑިއާގައި ހިނގި ފުރަތަމަ ފަހަރެއް ނޫނެވެ. ފޮތީގެ ވިޔަފާރިއަށް މަޝްހޫރު ރާޖަސްތާނުގެ ބިލްވާރާގައިވެސް މިފަދަ ކަމެއް ވަނީ ހިނގާފައެވެ. އެ ސަރަހައްދުގައި އިންފެކްޓްވި މީހުންގެ ތެރޭގައި ޑޮކްޓަރުންވެސް ހިމެނެއެވެ. އެ މީހުންނަށް ބަލި ފެތުރީ ޕޭޝަންޓްއެކެވެ. އެ މީހާގެ ފަރާތުން އެ އަވަށުގެ އެތައް ސަތޭކަ މީހަކަށް ވައިރަސް ފެތުރިފައިވުން އެކަށީގެންވެއެވެ. މިއާއެކު އެއަވަށާ ގުޅިފައިވާ 7000 އެއްހާ މީހުން މިހާރު ތިބީ ހޯމް ކަރަންޓީނުގައެވެ.

މިދަނޑިވަޅަކީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިންޑިއާގައި ހަރުކަށި ލޮކްޑައުންގެ އަމުރެއް ތަންފީޒު ކުރަމުންދާ ދަނޑިވަޅެކެވެ. ނަމަވެސް އަސާސީ މުދަލާ ބޭސްފަރުވާގެ ސަމާނު ގަނެ ހެދުމަށް މިނިވަންކަމާއެކު ގެއިން ބޭރަށް ނިކުމެ އުޅުމުގެ ހުއްދަ އޮވެއެވެ.

އިންޑިއާއިން ފެންމަތިވާ ހާދިސާތަކުން މިދެނީ ބިރުވެރި މެސެޖެކެވެ. ކޮވިޑް-19އަކީ އެ ބަލީގެ ޕޭޝަންޓަކު މަރުވުމަށްފަހުގައިވެސް އެހެން މީހުންނަށް އެ ބަލި ފެތުރުމުގެ ބާރު ލިބިފައިވާ ވަރުގަދަ ވައިރަހެކެވެ. އެހެންމަމުން، މިއީވެސް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން މިހާރު ތަންފީޒުކުރަމުންދާ އުސޫލުތަކާ، އަމަލު ކުރަމުންދާ ގަވައިދުތަކުގައި ހާއްސަ ސަމާލުކަމެއް ދިނުން ހައްގު ކަމެއް ކަމުގައި ދަންނަވަންޖެހެއެވެ.