ނިމިގެން މިދާ މާޗް މަހުގެ ކުރީކޮޅު އާންމުކުރި ދިރާސާއެއް ބުނާ ގޮތުން ނަމަ، ވައިގެ ތެރޭގައި ހުންނަ ކުދިކުދި ޕާޓިކަލްސް ނުވަތަ ޑްރޮޕްލެޓްތަކުގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ވައިރަސް، ގާތްގަނޑަކަށް 3 ވަރަކަށް ގަޑިއިރަށް ހަރުލާފައި ހުރެއެވެ.

ކަންމިހެން އޮއްވާ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ރޭގެ ވަގުތެއްގައި އާންމުކުރި ދިރާސާއަކުން އިވެނީ ތަފާތު އަޑެކެވެ. ޑަބްލިއު.އެޗް.އޯގެ ދިރާސާ ރިޕޯޓް ބުނާ ގޮތުގައި، އިސްވެ ބަޔާންކޮށްފައިވާ ދިރާސާއަކީ ހަގީގީ ދުނިޔޭގެ މަސްރަހު ސިފަވާ އެކްސްޕެރިމެންޓެއްގެ މައްޗަށް ބިނާވާ ދިރާސާއެއް ނޫނެވެ. އެހެންކަމުން، ކޮވިޑް-19އަކީ ވައިގެ ޒަރިއްޔާއިން ފެތުރޭ ބައްޔެކޭ ބުނާވަރަށް ސާބިތު ހިފޭ ހެކި ލިބިފައި ނުވާކަމަށްވެސް ޑަބްލިއު.އެޗް.އޯއިންވަނީ ބުނެފައެވެ.

ޑަބްލިއު.އެޗް.އޯގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު މިމަހުގެ ކުރީކޮޅު އާންމުކުރި ދިރާސާގައި ތަހުލީލުތަކުގައި އިންސާނަކު ކިނބިހި އަޅާ، ކެއްސާ ހެދުމުން ވައިގެ ތެރެއަށް ތިކިތައް ބުރައިގެންދާ ގޮތް ޓެސްޓުކުރުމަށް ބޭނުންކޮށްފައިވަނީ ލެބްތަކުގައި ބޭނުންކުރާ ޒާތުގެ ބާރުގަދަ އާލާތެއް ކަމަށާ، އެއީ އާންމު އިންސާނަކު ކެއްސާ/ކިނބިހިއަޅާނެ ޕްރެޝަރު ނޫންކަން ޑަބްލިއު.އެޗް.އިން ފާހަގަކުރެއެވެ. އަދި ހޮސްޕިޓަލު/ކުލިނިކު ފަދަ ވެއްޓެއްގައި ވައިގެ ތިކިތައް ޖަމާވާ ގޮތްވެސް ރަމްޒުކޮށްދެވިފައި ނުވާކަމަށް ޑަބްލިއު.އެޗް.އޯގެ ރިޕޯޓްގައިވެއެވެ.

ޑަބްލިއު.އެޗް.އޯއިން ބުނީ މި ހޯދުންތަކަކީ ކޮވިޑް-19އަކީ ވައިގެ ތެރެއިން ފެތުރޭ ބައްޔެއް ކަމަށް ސާބިތުކުރާ ވަރަށް އިތުރު ހެއްކެއް ނުދައްކާ ކަމަށާ، ސިއްހީ ފަރުވާގެ މަރުހަލާގެ ތެރެއިން ވައިގެ ތެރެއަށް ބުރައިގެންދާ ތިކިތަކުގެ ތެރެއިން ވައިރަހުގެ ޕާޓިކަލްސް ފެތުރުމަކީ އެކަށީގެންވާ ކަމެއްކަން ކުރިންވެސް އެނގޭ ކަމަށެވެ.

ކޮވިޑް-19އާއި ގުޅިގެން ޓާސްކް ފޯސްއިން ބޭއްވުނު ޑްރިލްގެ ތެރެއިން / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

ވައިރަސް ފެތުރޭ ގޮތާ ބެހޭ ގޮތުން މިހާރު އެނގެނީ ކިހާ ވަރަކަށް؟

ޑަބްލިއު.އެޗް.އޯއިން ބުނާ ގޮތުގައި ކޮވިޑް-19 ފެތުރެނީ ބަލިޖެހިފައިވާ މީހެއްގެ ހަށިގަނޑުން ބޭރުވެގެންދާ ޑްރޮޕްލެޓްތަކާ ވަރަށް ގާތުން ކޮންޓެކްޓްވުމުންނެވެ.

ފޯމައިޓްސް ނުވަތަ ވައިރަހުން އިންފެކްޓްވެފައިވާ ޑްރޮޕްލެޓްތައް ނުވަތަ ތިކިތައް ޖެހިފައިވާ ބައެއް ތަކެތިންވެސް ވައިރަސް ފަތުރައެވެ.

އެއް އިންސާނެއްގެ ގައިން އަނެއް އިންސާނެއްގެ ގަޔަށް ވައިރަސް ފެތުރެނީ، ނޭފަތް، އަނގަ އަދި ލޮލުގެ ޒަރިއްޔާއިން ކޮވިޑް-19ގެ ޑްރޮޕްލެޓްތައް ދެވަނަ މީހެއްގެ ހަށިގަނޑަށް ދަތުރުކުރާ ހިސާބުންނެވެ. ކޮވިޑް-19 ޑްރޮޕްލެޓްތަކަކީ ވައިގެ ތެރެއިން ދަތުރުކުރެވޭ ވަރަށްވުރެ ބަރު ތިކިތަކެއްކަމުން ކައިރި ސަރަހައްދުތަކަށް އެ ތިކިތައް ވެއްޓެއެވެ. މި ތިކިތައް ވެއްޓި، ޖެހިފައި ހުންނަ ތަނެއްގައި ނުވަތަ އެއްޗެއްގައި އަތްލެވުމަށްފަހު އެ އަތް ސާފުނުކޮށް ނޭފަތް، އަނގަ ނުވަތަ ލޮލުގައި ޖެހުމުން އެމީހެއްގެ ހަށިގަނޑަށް ވައިރަސް ފަތުރާލައެވެ.

ނޭވާ ހިއްލާ ކުއްޖަކު ފަރުވާ ހޯދަނީ/ފޮޓޯ: ގެޓީ އިމޭޖަޒް

ކޮވިޑް-19އަކީ ވައިގެ ޒަރިއްޔާއިން ޖެހޭ ބައްޔެކޭ ބުނެވިދާނެތަ؟

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެންމެ ފަހުން އާންމުކޮށްފައި މިވާ ހޯދުންތަކަށް ބަލާއިރު ކޮވިޑް-19އަކީ ވައިގެ ތެރޭން ފެތުރޭ ބައްޔެއް ކަމަށް ކަނޑައެޅިގެން ބުނެވޭކަށް ނެތެވެ. ޑަބްލިއު.އެޗް.އޯއިން ބުނާ ގޮތުގައި ވައިގެ ޒަރިއްޔާއިން މި ބަލި ފެތުރެން އޮތީ މެޑިކަލް ޕްރޮސީޖާތަކުގެ ތެރެއިން އެއިރޯސޯލް ނުވަތަ ވައިގެ ތެރެއަށް ބުރައިގެންދާ ތިކިތައް އުފެދޭ ގޮތަށް ހިންގޭ ހަރަކާތްތަކުގެ ތެރެއިންނެވެ.

ކަންމިހެން އޮތްއިރު ޑަބްލިއު.އެޗް.އޯއިންވަނީ އާންމު ފަރުވާތައް ދޭއިރު ސިއްހީ ހިދުމަތްތެރިންނާ އެހީތެރިންވެސް މެޑިކަލް މާސްކް ބޭނުންކުރުމަށާ، އެއިރޮސޯލް އުފައްދާ ޕްރޮސީޖާތައް ކުރިއަށް ގެންދާއިރު ރެސްޕިރޭޓާޒް ބޭނުންކުރުމަށް ގޮވާލާފައެވެ.

ކޮވިޑް-19އާއި ގުޅިގެން ޓާސްކް ފޯސްއިން ބޭއްވުނު ޑްރިލްގެ ތެރެއިން / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

އެއިރޮސޯލް ޖެނެރޭޓިންގް ޕްރޮސީޖާ ނުވަތަ (އޭޖީޕީ) ގެ ތެރޭގައި ބްރޮންކޮސްކޯޕީ، މެކޭނިކަލް ވެންޓިލޭޝަން، ނޮންއިންވޭސިވް ވެންޓިލޭޝަން އަދި ނެބިއުލައިޒް މެޑިކޭޝަން އެޑްމިނިސްޓްރޭޝަން ފަދަ ޕްރޮސީޖާތައް ހިމެނެއެވެ.