ފިލިޕީންސް އަސްކަރިއްޔާގެ އިސްކޮމާންޑަރު ޗީފް އޮފް އާމްޑް ފޯސަސް ފެލިމޯން ސަންތޯސް ޖޫނިއާވެސް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވެއްޖެއެވެ.

މާޗް މަހުގެ 24 ވަނަ ދުވަހުން ފަށައިގެން ސަންތޯސް ހުންނެވީ ހޯމް ކަރަންޓީނުގައި ކަމަށާ، އެއީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ އަސްކަރީ އިސް އޮފިސަރަކާ ބައްދަލުވެވަޑައިގެން 'ކްލޯޒް ކޮންޓެކްޓް'އެއް ހިނގާފައިވާތީ ކަމަށް މައުލޫމާތު ލިބެއެވެ.

ކޮވިޑް-19އަށް ސަންތޯސް ޕޮޒިޓިވްވެފައިވާ ކަމުގެ ރިޕޯޓްތައް ލިބިވަޑައިގަތީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއް ކަމަށާ، ދިފާއީ ވަޒީރު ދެލްފީން ލޮރެންޒާނާއަށް އެކަން އަންގަވާފައިވާކަމަށް ޚަބަރު ލިބެއެވެ.

ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ރެކޯޑްތަކަށް ބަލާއިރު ފިލިޕީންސްއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 707 އަށް އަރައެވެ. މަރުވި މީހުންގެ އަދަދު މިހާރު ވަނީ 45 އަށް އަރާފައެވެ.

ފިލިޕީންސްއަކީ ދިވެހިރާއްޖޭގެ ބައެއް ދަރިވަރުން މަތީ ތައުލީމު ހާސިލުކުރުމަށް ވަޒަންވެރިވެގެން ދިރިއުޅެމުންދާ ގައުމެކެވެ. ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެކުދިން ރާއްޖެ ގަނައުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންނެވެ.