ފްލޯޓިން ލެބޯޓަރީއަށް ހާއްސަ ހުއްދަދިން ދިން ސަބަބުން ތަފްސީލުކޮށްދީފިއެވެ.

ފްލޯޓިން ލެބޯޓަރީ (އަންސީވާ އަދި ގްރަމްޕިއަން ފްރަންޓިއާ) ނަމަކަށް ކިޔާ ދެ ރިސާޗް ވެސަލުން އައި ބަޔަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރުމަށް ހުއްދަ ދިން ސަބަބު ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ. މަބްރޫކް ވިދާޅުވީ، ހާލަތަށް ބަލާފައި އެކި ފަރާތްތަކަށް ދޭން ޖެހޭ އިސްތިސްނާތައް އެޗްޕީއޭއިން ދެމުންދާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ، މި ދެ ވެސަލަކީ ރިސާޗް ވެސަލްތަކެއް ކަމަށާއި، މި ދެ ވެސަލް ވެސް ރާއްޖެ އައިސްފައި ވަނީ، އެއްކޮށް ކަމަށެވެ. އަދި މި ދެ ވެސަލް ރާއްޖެއިން ފުރުމަށް މިމަހު 22 ވަނަ ދުވަހު ހުއްދަ ދީފައި ވާއިރު، އެ ދެވެސަލް ކަނޑުމަތީގައި އޮންނަތާ 16 ދުވަސް ވެފައިވާ ކަމަށެވެ.

މި ދެ ވެސަލްގެ ކްރޫއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރުމަށް ހުއްދަ ދީފައި ވަނީ، އެ ވެސަލްގައި ހުރި އެއްވެސް މީހެއްގެ ކިބައިގައި ބަލީގެ އަލާމަތެއް ހުރިކަމަށް އެ ވެސަލްގެ މެޑިކަލް ޑޮކްޓަރު އަންގާފައި ނުވާތީ ކަމަށެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ އެ މީހުން ފުރައިގެން ދިޔައީ އެހެން މީހުން ވެސް ފުރައިގެން ދާއިރު، ފުރިހަމަ ކުރާ މެޑިކަލް ޕްރޮސީޖާއާ އެއްގޮތަށް ކަމަށެވެ.

މީގެ އިތުރުން މަބްރޫކް ވަނީ، ގްރަމްޕިއަން ފްރަންޓިއާ އަދި އަންސީވާ އަށް ދިން ހާއްސަ ހުއްދާގައި ފާހަގަކޮށްފައިވާ ކަންކަން ވިދާޅުވެ ދެއްވާފައެވެ.

  • ވެސެލްގައި ތިބި މީހުންނަށް އެއާޕޯޓުން ފުރޭނީ އަތުގައި ޓިކެޓެއް އޮވެގެން، ފްލައިޓް ގަޑިއާ ކައިރިކޮށް އެއާޕޯޓަށް ދިއުމުން
  • ހަމައެކަނި ދެވޭނެ އެއާޕޯޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް
  • އެއާޕޯޓް ނޫން އެހެން ރަށަކަށް ނުފޭބޭނެ
  • އެއާޕޯޓަށް ދާން ޖެހޭނީ އެޕްރޫވް ކޮށްފައިވާ އުޅަނދެއްގައި
  • ސަލާމަތީގޮތުން ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރަން ޖެހޭނެ

މިކަން ސާފުކޮށްދީފައި ވަނީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިހާރު އެކުލަވާލާފައި ނިންމުންތަކުން ވަކި ބަޔަކު އިސްތިސްނާ ކުރޭތޯ އަހާ ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައެވެ.