ދަތުރުކުރަން އެންމެ ރައްކާތެރި މާދަމައެއް ހޯދަންޖެހޭ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަލީ ވަހީދު މިހެން ވިދާޅުވީ، ދުނިޔޭގެ ފަތުރުވެރިކަމާބެހޭ އދގެ މައި ޖަމްއިއްޔާ ޔޫއެންޑަބްލިއުޓީއޯ އިން އެކުލަވާލި ގްލޯބަލް ކްރައިސިސް ކޮމިޓީގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުން މިއަދު ބާއްވާފައިވާއިރު، މިނިސްޓަރު އަލީ ވަހީދު ވަނީ ސައުތް އޭޝިއާ އަދި ދިވެހިރާއްޖެ ތަމްސީލުކޮށް ވާހަކަ ދައްކަވާފައެވެ.
މި ބައްދަލުވުމުގައި އަލީ ވަހީދު ވަނީ ދުނިޔެ އަބަދު ލޮކްޑައުންކޮށްގެން ނުތިބެވޭނެ ކަމަށް ވިދާޅުވިފައެވެ. އަދި ކޮވިޑް-19އިން ރައްކާތެރިވެ، ސަލަމަތްތެރިކަން ހޯދުމުގައި ދުނިޔޭގެ ހުރިހާ ގައުމުތަކެއް ގުޅިގެން ޑަބްލިއުއެޗްއޯގެ އެންގުންތަކާ އެއްގޮތަށް އަވަސް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ މައްޗަށް އަލީ ވަހީދު ވަނީ އަލި އަޅުއްވާލައްވާފައެވެ.
މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މާދަމައަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހަޔާތުގައި ވަރަށް ވެސް ހިތަމަވެރި ދުވަހެއް ކަމަށެވެ. އަދި މާދަމައިން ފެށިގެންމިވަގުތަށް ރާއްޖެއަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލަނީ ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި ފަރާތްތަކުގެ ތެރެއިން ގިނަ ބަޔަކު އެ ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އަދި ރާއްޖެއާ މުޅި ދުނިޔެއަށް މިކަމުން އަރައިގަނެވެން އޮތީ ހުރިހާ ގައުމެއް ގުޅިގެން ކުރާ މަސައްކަތުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި މެންބަރުން ވަނީ، ސަޕޯޓިން ޖޮބްސް އެންޑް އިކޮނޮމީސް ތްރޫ ޓޫރިޒަމްގެ ދަށުން 'މިޓިގޭޓިން ދަ ސޯޗިއޯ އިކޮނޮމިކް އިމްޕެކްޓް އޮފް ކޮވިޑް-19 އެންޑް އެކްސެލެރޭޓިން ރިކަވަރީ' ކަރުދާހުގެ މައްޗަށް ބަހުސްކޮށްފައެވެ.