ވިޔަފާރި ގަޑިތަކަށް ބަދަލު ގެންނަން ނާންގާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ބުނީ، އެއްވެސް ސަރަހައްދެއްގައި ވިޔަފާރި ކުރާ ގަޑިތަކަށް ބަދަލުގެންނަން އެއްވެސް ލޯކަލް ކައުންސިލަކަށް އަންގާ، ނުވަތަ އިރުޝާދު ދީފައި ނުވާނެ ކަމަށެވެ. އަދި ގްރޭޓާ މާލޭ ރީޖަން ނޫން އެއްވެސް ސަރަހައްދެއްގައި ހިންގާ ކެފޭ/ހޮޓާ/ރެސްޓޯރެންޓްތަކުގެ ހިދުމަތްތައް ދިނުން ހުއްޓާލާން އެއްވެސް ސިފައެއްގައި އެ އެޖެންސީީން އަންގާފައި ނުވާނެ ކަމަށް އެޗްޕީއޭން ބުނެއެވެ.

މީގެއިތުރުން އެޗްޕީއޭން ވަނީ، އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ސިއްހަތާއިބެހޭ ޓާސްކްފޯސްތަކުން، އެ އެޖެންސީގެ އެންގުންތަކާއި އިރުޝާދުތަކަށް ބޯލެނބުމަށް ނަސޭހަތްތެރިވެފައެވެ.

އެޗްޕީއޭން މިހެން ބުނެފައިވަނީ، އައްޑޫ ސިޓީގެ ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓްތައް ހިނގާ ގަދިތަކަށް ގެނައި ބަދަލުތަކާ ގުޅިގެން ހަމަނުޖެހުން އުފެދިފައި ވަނިކޮށެވެ.

އެގޮތުން، ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އައްޑޫ ސިޓީގެ ފިހާރަތަކާއި ކެފޭތައް ރޭގަނޑު ހުޅުވުން މަނާކުރަން ނިންމީ ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކުރުމަށްފަހު ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވަނީ މިއަދު ވިދާޅުވެފައެވެ. ސޯބެ ވިދާޅުވީ އައްޑޫގެ ވިޔަފާރިކުރާ ތަންތަން ހަވީރު 6:00 އިން ބަންދުކުރަން ނިންމީ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސާވިސް އާއި މަޝްވަރާކުރުމަށްފަހު އައްޑޫ ކޮވިޑް-19 ޓާސްކްފޯހުން އެގޮތަށް ނިންމުމުން ކަމަށެވެ.

ނަމަވެސް، ސޯބެ މިހެން ވިދާޅުވީ، އައްޑޫ ސިޓީ ކައުންސިލުން އެ ނިންމުން ނިންމާފައިވަނީ އެޗްޕީއޭއާ މަޝްވަރާނުކޮށް ކަމަށް ކޮވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް މިއަދު ވިދާޅުވެފައިވާނިކޮށެވެ.