ރޭގަނޑު ފުރާ ފްލައިޓަކުން ފުރުން ނޫން ކަމެއްގައި އައްޑޫ ގަމަށް އާންމުން އެރުން މިއަދުން ފެށިގެން މަނާކޮށްފިއެވެ.

ގަން އިންޓަނެޝަނަލް އެއާޕޯޓް ހިންގާ ކުންފުނި އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް (އޭއައިއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއާޕޯޓް ރޭގަނޑު ބަންދުކުރަން ނިންމީ ކޮވިޑް-19 އިން ރައްކާތެރިކަން ހޯދަން އެޅި ފިޔަޅެއްގެ ގޮތުން ކަމަށެވެ.

އަދި ގަމަށް މިއަދުން ފެށިގެން އާންމުކޮށް އެރޭނީ ހެނދުނު 6:00 އާއި އިރުއޮއްސި 6:00 އާ ދޭތެރޭ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ރޭގަނޑު ފުރުމަށް ފްލައިޓު ޝެޑިއުލް ކުރެވިފައިވާނަމަ ޗެކިން ފެށުމުގެ 30 މިނެޓް ކުރިން ހުޅުވުމަށްފަހު ފްލައިޓް ފުރާތާ 30 މިނެޓް ފަހުން ބަންދުކުރެވޭނެ ކަމަށްވެސް އެއާޕޯޓުން ބުނެއެވެ.

https://www.facebook.com/adduinternationalairport/photos/a.454015768046282/2777568372357665/?type=3

ގަމަކީ މި ވަގުތު ކޮވިޑް-19އާ ގުޅިގެން އައްޑޫން މީހަކު ކަރަންޓީނުކުރަން ޖެހޭ ފަދަ ހާލަތެއް އަތުވެއްޖެ ނަމަ ކަރަންޓީނު ފެސިލިޓީ ވެސް ގާއިމުކޮށްފައިވާ ރަށެވެ. އެއީ ކުރީގެ ދޫގަހުގައެވެ. ގަމަކީ އޭއައިއޭގެ ބެލުމުގެ ދަށުގައި އޮންނަ ރަށެކެވެ.

އައްޑޫގެ ގަން އެއާޕޯޓް ރޭގަނޑު ބަންދުކުރުމަށް ނިންމާފައިވާއިރު، ކޮވިޑް-19 އާއި ގުޅިގެން މިރޭ ރޭގަނޑު 6:00 އިން ފެށިގެން އައްޑޫގެ ފިހާރަތަކާއި ކެފޭތައް ބަންދުކުރަން އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ވަނީ އަންގާފައެވެ. މީގެއިތުރުން އާންމުން އެއްވެ އުޅޭ ތަންތަން ބަންދުކޮށް އެ ތަންތަނުގައި ހިންގާ ހަރަކާތްތައް ވެސް ހުއްޓާލުމަށްވެސް ކައުންސިލުން ވަނީ އަންގާފައެވެ.