ދުނިޔޭގައި ހަލުވި ކަމައެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަހާއި ހުޅިގެން މާލެ ސަރަހައްދުގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީތަކުގެ މަސައްކަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައްލަވާލައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ކޮވިޑް-19 އާ ގުޅިގެން ފަރުކޮޅުފުށީގައި ގާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއާ އަދި ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލް ކައިރީގައި ގާއިމުކުރާ އައިސޮލޭޝަން ފެސިލިޓީޒްގެ މަސައްކަތްތައް ކުރިޔަށްދާ ގޮތް ބައްލަވައިލެއްވުމަށް ރައީސް މިއަދު ހެނދުނު އެ ދެ ތަނަށް ޒިޔާރަތްކުރައްވައިފައިވާ ކަމަށެވެ.

ރައީސްގެ މި ޒިޔާރާތްކުރެއްވުމުގައި އެމަނިކުފާނު ވަނީ އެތަންތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާ، މައުލޫމާތު އޮޅުންފިލުއްވާފައެވެ.

މިވަގުތު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ބަލި ރާއްޖޭގައި ކޮންޓްރޯލްކުރުމަށާއި މިބަލިން ރާއްޖޭގެ ރައްޔިތުން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން މިހާތަނަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައިވާއިރު ރާއްޖޭގެ ހާލަތާ ގުޅޭގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް ވެސް އަންނަނީ އަޅުއްވަމުންނެވެ.

އެގޮތުން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު އަންނަ އާދީއްތަ ދުވަހުން ފެށިގެން، އިތުރު އެއް ހަފުތާގެ މުއްދަތަށް ސަރުކާރުގެ އޮފީސްތައް ބަންދުކުރުމަށް ރައީސް ވަނީ ނިންމާފައެވެ. އަދި އެ މުއްދަތުގެ ތެރޭގައި، ސްކޫލްތަކާއި، ޔުނިވާސިޓީތަކާއި ކޮލެޖުތަކުގެ ކިޔެވުންވެސް ބަންދުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވަނީ ރޭގެ ނޫސްވެރިންގެ ބައްދަލު ވުމުގައެވެ.

ރާއްޖޭގެ ސްކޫލްތައް ހުޅުވުން އިތުރު ހަފްތާއަށް ފަސްކޮށްފައިވާ އިރު މި ހާލަތުގައި ޓިއުޝަން ކްލާސްތަކާއި ވަކި މާއްދާ ކިޔަވައިދޭ ކްލާސްތަކާއި ގުރުއާން ކްލާސްތައް މެދުކަނޑާލަން ވެސް ވަނީ އަންގާފައެވެ. ފަތުރުވެރިން ނާއި އަދި މީހުންވެސް އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާ ކުރުމާއި، ސަރުކާރު އޮފީސްތައް ބަންދު ކުރުމާއި، ރާއްޖޭގެ ހުރިހާ ސްކޫލް އަދި ޔުނިވާސިޓީތަކާއި ކޮލެޖުތައްވެސް ބަންދުކުރުން ހިމެނެއެވެ.

ކޮވިޑް-19 ރާއްޖޭގެ ހާލަތަށް ބަލާއިރު މިހާތަނަށް ބަލިޖެހިފައިވާ 13 މީހުން ވަނީ ފެނިފައެވެ. އަދި އޭގެ ތެރެއިން 8 މީހަކު ވަނީ ރަނގަޅުވެފައެވެ. މިހާރު މި ބައްޔަށް ފަރުވާ ކުރަމުން ދަނީ ޖުމްލަ 5 މީހުންނެވެ.