ދުނިޔޭގައި ހަލުވި ކަމާއެކު ދެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ 50 ރިސޯޓެއްގެ އޮޕަރޭޝަން ހުއްޓާލާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްބވެރިންގެ ބައްދަލުވުމެއްގައި "ދަ ޕްރެސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ މިހާތަނަށް 50 ރިސޯޓެއްގެ އޮޕަރޭޝަން ވަގުތީ ގޮތުން ހުއްޓާލާފައި ވާ ކަމަށެވެ. އަދި މިހާރު ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ކުރިއަށްއޮތް ހަފްތާ ތެރޭ ރާއްޖޭގެ ހުރިހާ ރިސޯޓެއް ބަންދުވެގެން ދާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ރިސޯޓުތަކުގައި ތިބި ފަތުރުވެރިންގެ ތެރެއިން އެންމެ ފަހު ފަތުރުވެރިޔާ ރާއްޖެއިން ފުރައިގެން ދާތާ 14 ދުވަސް ފަހުން ރިސޯޓު މުވައްޒަފުންނަށް ފުރައިގެން ރަށްރަށަށް ދެވޭނެ ކަމަށް ވެސް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ މިހާރުގެ ހާލަތައް ބަލާނަމަ އޮތީ ލޮކްޑައުން އަކަށް ގޮސްފައި ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ އިގްތިސާދާއި، ފަތުރުވެރިކަމަށް ދިމާވެފައިވާ ހީނަރުކަމުގައި މިހާތަނައް 50 އަށް ވުރެ ގިނަ ރިސޯޓު ބަންދު ކޮށްފައި ވާއިރު، އޭގެ ތެރޭގައި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ރިސޯޓު ހިންގަމުން އަންނަ ތިން ކުންފުނި ކަމަށްވާ، ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އާއި ޔުނިވާސަލް ގްރޫޕުން ހިންގާ ރިސޯޓުތަކާއި ވިލާ ގްރޫޕުން ހިންގާ ރިސޯޓުތައް ބަންދުކޮށް ބައެއް މުވައްޒަފުންނަށް ނޯޓިސް ދީ ބައެއް މުވައްޒަފުންގެ މުސާރަ ވަނީ ބޮޑުތަނުން ކުޑަކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން މިހާރު ރާއްޖޭގައި ހިންގަމުން އަންނަ ބަންދު ކުރި ރިސޯޓުތައް:

  1. ކޮމަންޑޫ އައިލެންޑް ރިސޯޓް
  2. މީރު އައިލެންޑް ރިސޯޓް
  3. ވެލިގަނޑު ރިސޯޓް
  4. ވިލަމެންދޫ ރިސޯޓް
  5. ކަގި މޯލްޑިވްސް
  6. ކުޑަދޫ މޯލްޑިވްސް
  7. އިންނަހުރާ މޯލްޑިވްސް
  8. ހުރަވަޅި ރިސޯޓް
  9. ޔޫ އެންޑް މީ
  10. ރޮބިންސަން ކްލަބު ނޫނު
  11. ރޮބިންސަން ކްލަބު ގއ
  12. ހޮލިޑޭ އައިލެންޑް ރިސޯޓު
  13. ރޯޔަލް އައިލެންޑް ރިސޯޓު
  14. ސަން އައިލެންޑް ރިސޯޓު
  15. ފަން އައިލެންޑް ރިސޯޓު
  16. ރަހާ ރިސޯޓު
  17. ނައުޓިލަސް
  18. ބެގްލިއޯނީ
  19. ކޮމޯ މާލިފުށި
  20. މާކިޔު ކޫއްޑޫ
  21. ހުވަފެންފުށި
  22. ކުރުނބާ މޯލްޑިވްސް
  23. ކުރަމަތި އައިލެންޑް
  24. ބަރޮސް މޯލްޑިވްސް
  25. މިލަދޫ
  26. ކަނޑިންމާ
  27. ފާރުފުށި
  28. ކަނދޮޅު
  29. ދިގަލި
  30. ރިޔު އެޓޯލް
  31. ރިޔު ޕްލޭސަސް
  32. ދަ ރެސިޑެންސް ފަޅުމާފުށި
  33. އަމިއްލަފުށި
  34. ވަރު ބައި އެޓްމޮސްފެއާ
  35. މަލަހިނި ކުޑަ ބަނޑޮސް
  36. އަމާރި ހަވޮއްޑާ
  37. ސަފާރީ އައިލެންޑް
  38. އަންގާގާ އައިލެންޑް
  39. ތުޅާގިރި އައިލެންޑް
  40. ޑްރީމްލޭންޑް
  41. ބަނޑޮސް އައިލެންޑް
  42. ކަނުހުރާ
  43. ލަކްސް ސައުތް ސްޓޮޕް ސޭލް
  44. ހައިޑަވޭ ބީޗް
  45. ފިނޮޅު
  46. ބިޔާދޫ
  47. އެނބޫދޫ ވިލޭޖް
  48. ފިހާޅޮހި
  49. ރީތި ބީޗް
  50. ވެލައްސަރު

މީގެ އިތުރުން ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ 8 ޕްރޮޕަޓީވެސް ބަންދުކުރަން ވަނީ ނިންމާފައެވެ.

ކޮރޯނާވައިރަހާ ގުޅިގެން ދުނިޔޭގެ އިގުތިސާދަށް އެތައް އަސަރެއް ކޮށް، ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ މާލީ ބޮޑެތި ގެއްލުންތައް ވެފައެވެ. އެ ގެއްލުންތަކުން އަރައިގަތުމަށް ހަރަދު ކުޑަކުރުމާއި މުސާރަތައް ކުޑަ ކުރުމުގެ އިތުރުން ބައެއް ކުންފުނިތަކުން މުވައްޒަފުން މަދު ކުރަމުން ދާކަންވެސް ވަނީ އެނގިފައެވެ.

ރާއްޖެ ލޮކްޑައުންގެ ހާލަތުގައި އޮތް ނަމަވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ އެއްވެސް ކަމަކަށް ދަތި ނުވާނެހެން ސަރުކާރުން މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.