ކޮވިޑުން ސަލާމަތްވެ ކުރިއަށް އޮތް 6 މަސް ތެރޭ އިގުތިސޯދު ހަމައަކަށް އެޅޭނެކަމަށް ބެލެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މިވަގުތު އެންމެ މުހިންމުކޮށް ބައްލަވަނީ ކޮވިޑުގެ ޕޮޒިޓިވް ކޭސްތައް މަސް ނިމޭއިރު ނެތި ދިއުން ކަމަށާއި އޭގެ ފަހުން ރާއްޖެ ހުޅުވާލެވިގެން އިގުތިސޯދު ހަމައަކަށް އެޅިގެން ދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ރާއްޖޭގެ އިގްތިސޯދަށް ބަލާއިރު އެންމެ ބޮޑަށް ބަރޯސާވެފައި ވަނީ ޓޫރިޒަމްގެ ސިނާއަތަށް ކަމަށާއި، ޗައިނާއާއި ސައުތް އީސްޓް އޭޝިއާއިން ފަތުރުވެރިން އައުމަށް އަންނަ މަސް ތެރޭގައި ރާއްޖެ ހުޅުވާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހާހިސާބުން ރާއްޖޭގެ އިގްތިސޯދު މަޑުމަޑުން ހަމައަކަށް އޭޅޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ކޮވިޑް19 އާ ގުޅިގެން ރާއްޖޭގައި އަޅަމުން ދަނީ ރަނގަޅު ފިޔަޅުވަޅުތަކެއް ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، މިހާރު ރާއްޖޭގެ މުޅި އިގްތިސޯދަށް އަންނަނީ ވަރަށް ބޮޑަށް ގެއްލުން ވަމުން ކަމަށާއި، މިވަގުތު ރާއްޖޭގައި އަޅަމުން ދާ ފިޔަވަޅުތަކުގެ ތެރެއިން އެންމެ ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވަނީ ރައްޔިތުންގެ ސިއްހަތަށް ކަމަށެވެ.
މިހާރުވެސް ރާއްޖެއިން ބޭރަށް 300 މިލިއަނެއްހާ ޑޮލަރު ދާކަމަށް ރައީސް ވިދާޅުވިއެވެ. އެ ފައިސާ ހިފަހައްޓަން ޖެހޭ ކަމަށާއި ދިވެހި ޒުވާނުން ކެރިގެން މަސައްކަތަށް ނުކުތުމުން ރާއްޖޭގެ އިގްތިސޯދަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު ރާއްޖޭގެ އާ ގައުމީ ޝިޕިން ކުންފުނީގެ ފުރަތަމަ ބޯޓް މި މަހު 30 ގައި ރާއްޖެ އަންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެކަމަށް ސަރުކާރުން އިންވެސްޓް ކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދިވެސް ޑައިވާސިފައިކުރަން ކަންކަން އެބަހުރި ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، މިސާލަކަށް ދަނޑުވެރިކަން ކަހަލަ ކަންކަމުން އިގްތިސޯދަށް ބަދަލެއް ގެނެވިދާނެ ކަމަށެވެ.
އިގްތިސާދަށް މި އަންނަ ބަދަލަށް ބަލަން ޖެހޭ ކަމަށް ވިދާޅުވަމުން ރައީސް ވަނީ މިނިމަމް ވޭޖާ ބެހޭ ގޮތުންވެސް ވާހަކަ ދައްކަވާފައެވެ. އެ ގޮތުން މިނިމަމް ވޭޖާ ގުޅޭ ގޮތުން މަޖިލީހުން ގޮތެއް ކަނޑައެޅުމުން އެކަމާ މެދު މަޝްވަރާ ކުރެއްވުމަށް ފަހު ގޮތެއް ނިންމަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު ތިލަފުއްޓާއި މާލެއާ ދެމެދު އެޅުމަށް ނިންމާފައިވާ ބުރިޖްގެ މަސައްކަތް ކުރިއަށް ދާނެ ކަމަށާއި އެކަމަކީވެސް އިގްތިސޯދަށް ވަރަށް ރަނގަޅު އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.
ކޮވިޑް19 އާ ގުޅިގެން ދިމާވަމުންދާ ދަތިތަކަށް ކެތްތެރި ވުމަށާއި، މިކަމުން އަރައިގަނެވޭނީ އެންމެން ގުޅިގެން އެންމެން އެކީގައި މަސައްކަތް ކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖެއިން ކޮވިޑް-19 ފެނުނު ފަހުން ރައީސް ނޫސްވެރިންނާ ބައްދަލު ކުރެއްވި މީ ފުރަތަމަ ފަހަރެވެ. މިއަދުގެ ޕްރެސްގައި ވާހަކަ ދައްކަވަމުން މިހާރު ރާއްޖެ އޮތް ހާލަތު ބަޔާން ކުރައްވަމުން ރައީސް ވިދާޅުވީ މިހާރު ރާއްޖެ މިއޮތީ ލޮކްޑައުން ހާލަތެއްގައި ކަމަށެވެ. އަދި ސަރުކާރުން އަޅާމުންދާ ފިޔަވަޅުތައް އަޅަމުން ދަނީ ސިއްހީ ތަޖުރިބާކާރުންގެ ލަފާގެ މަތިން ކަމަށް ރައީސް ވިދާޅުވިއެވެ.