ރާއްޖެ އޮތީ ލޮކްޑައުންއެއްގައި ކަމަށް ރައީސް ވިދާޅުވެއްޖެއެވެ. މީގެ 24 ގަޑިއިރު ފަހުން ރާއްޖެއަށް ފްލައިޓަކަށްވެސް ނާދެވޭނެ ކަމަށާއި މިހާރުވެސް އެއްރަށުން އަނެއް ރަށަށް ފަތުރުވެރިންނަށް ނުދެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ރާއްޖެ މިއޮތީ ލޮކްޑައުންއަކަށް ގޮސްފައި ކަމަށާއި، މިއަށްވުރެ ބޮޑު ލޮކްޑައުންއަކަށް ގޮސްދާނެ ކަމަށް ހީފުޅު ނުކުރެވޭ ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ، މީގެ 24 ގަޑިއިރު ފަހުން ރާއްޖެއިން ބޭރުން މީހަކަށް ރާއްޖެ ނާދެވޭނެ ކަމަށާއި، ރިސޯޓްތަކުގައި ތިބި މީހުންނަށް އެހެން ރަށްރަށަށް ނުދެވޭ ކަމަށެވެ. މިވަގުތު ރާއްޖެމިއޮތީ ލޮކްޑައުންއެއްގައޭ ބުނެވިދާނެ ކަމަށާއި، އެނޫން ގޮތެއް ނެތް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ، ރާއްޖެ މިއޮތީ ތައްޔާރަށް ކަމަށާއި، ރައްޔިތުންނަށް ބޭނުންވާ އަސާސީ އެއްވެސް ކަމަކަށް ދަތި ނުވާނެހެން ސަރުކާރުން މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ. އެއީ ކަރަންޓު ކަމަށްވިޔަސް، ފޯނު ކަމަށްވިޔަސް، ކާބޯތަކެތި ކަމަށްވިޔަސް އަދި ދަތުރުފަތުރު ކަމަށްވިޔަސް ސަރުކާރުން ރައްޔިތުންނަށް ކޮށްދޭނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވަނީ، އަންނަ ހުކުރު ދުވަހުން ފެށިގެން ރާއްޖެއިއް އޮން އެރައިވަލް ވިސާގެ ހިދުމަތް ދިނުން ވަގުތީ ގޮތުން މެެދުކަނޑާލަން ނިންމާފައިވާކަން އިއުލާން ކުރައްވާފައެވެ. ކޮވިޑް-19އާ ގުޅިގެން މިހާތަނާށް ރާއްޖޭގެ 50 ރިސޯޓް ބަންދުކޮށްފައިވާއިރު، ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުރިހާ ރިސޯޓަކާއި ހޮޓާތައް ވެސް ބަންދުކުރުމަށް ވަނީ ނިންމާފައެވެ. އަދި ރިސޯޓުތަކުގައި ތިބި ފަތުރުވެރިންގެ ތެރެއިން އެންމެ ފަހު ފަތުރުވެރިޔާ ރާއްޖެއިން ފުރައިގެން ދާތާ 14 ދުވަސްފަހުން ރިސޯޓު މުވައްޒަފުންނަށް ފުރައިގެން ރަށްރަށަށް ދެވޭނެ ކަމަށް ވެސް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.