ކާޑުގެ ބާވަތްތައް ލިބުމުގައި ދިވެހިރާއްޖެއަށް ދަތިކަމެއް ނޯންނާނެ ކަމުގެ ޔަގީންކަން، ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ދީފިއެވެ.

ހައިކޮމިޝަނުގެ ރަސްމީ ޓްވިޓާ ހެންޑްލް މެދުވެރިކޮށް އާންމުކޮށްފައިވާ ޓްވީޓެއްގައި، ބިރުވެރިކަމާ ހާސްކަމުގެ ތެރޭގައި ބައެއް ފަރާތްތަކުން އެއްފަހަރާ ކާޑުގެ ބާވަތްތައް ގަނެ ގުދަން ކުރުން ހުއްޓާލުމަށްވެސް ދިވެހި ރައްޔިތުންނަށް ވަނީ ގޮވާލާފައެވެ.

އިންޑިއާއިން ރާއްޖެއަށް ފޮނުވާ ކާޑުގެ އެހީ/ފޮޓޯ: އެޗްސީއައި

ކާބޯތަކެތީ އަސާސީ ކާޑުގެ ބާވަތްތަކުގެ ގޮތުގައި ބަލާ ހަނޑޫ، ފުށް އަދި ހަކުރުގެ ޝިޕްމަންޓް މިހާރުވެސް ހުރީ ތައްޔާރަށް ކަމަށާ، ދިވެހިންނަށް ހާއްސަކޮށްފައިވާ މި ޝިޕްމަންޓް ވަރަށް އަވަހަށް ރާއްޖެ ގެނެވޭނެ ކަމަށްވެސް ހައިކޮމިޝަނުން ވަނީ ބުނެފައެވެ.

ކާޑުގެ އެހީގެ ގޮތުގައި އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދެނީ ގާތްގަނޑަކަށް 20 ދުވަހުގެ ސްޓޮކްއެކެވެ. އެގޮތުން 1500 މެޓްރިކް ޓަނުގެ ހަނޑުލާ، 500 މެޓްރިކް ޓަނުގެ ހަކުރު މިހާރުވެސް ޓުޓިކޮރިން ބަނދަރުގައި ލޯޑުކުރަމުންދާ ކަމަށް ހައިކޮމިޝަނުގެ ޓްވީޓްގައި ވަނީ ފާހަގަކޮށްފައެވެ.

ދިވެހިރާއްޖޭގެ އިގުތިސޯދާ ބެހޭ ވަޒީރު ފައްޔާޒު އިސްމާއީލުވެސް ވަނީ މި ދަތި އިންޑިއާގެ ދީލަތި އެހީ ފާހަގަކުރައްވާ، އެކަމަށްޓަކައި އެ ގައުމަށް ޝުކުރު އަދާކުރައްވާފައެވެ. ކޮވިޑް-19އާ ގުޅިގެން ބައެއް މީހުންގެ ހިތްތަކުގައި ޒަރޫރީ މުދާ ނުލިބިދާނެކަމުގެ ބިރު އުފެދި، ބޭނުންވާ މިންވަރަށްވުރެ އިތުރަށް މުދާ ގަތުމުގެ ހާދިސާތައް ދޭތެރެ ދޭތެރެއިން މިދުވަސްކޮޅު ދަނީ ހިނގަމުންނެވެ. ނަމަވެސް އެފަދަ ބިރުވެރިކަމެއް އަދި ނެތް ކަމުގެ ޔަގީންކަން، ދިވެހި ސަރުކާރުންވެސް ދަނީ ދެމުންނެވެ.