ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ވެސް އޭގެ ނޭދެވޭ އަސަރު ކޮށްފައިވާތީ، ގައުމުގެ މަސްލަހަތު އިސްކޮށް ގައުމުގެ މިހާރުގެ ހާލަތު ވީ އެންމެ އަވަސް ފުރުސަތެއްގައި އިދިކޮޅު ކޯލިޝަނާ ހިއްސާ ކޮށްދިނުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ.

މިކަމާއި ގުޅިގެން ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރުގެ ފަރާތުން އެއްބައި ވަންތަކަން އިސްކޮށް، ގައުމީ ރޫހުގައި މަސައްކަތްކޮށް، ރައްޔިތުންނާއި ވިޔަފާރިތަކަށް ވަމުންދާ ގެއްލުން ކުޑަ ކުރެވޭނެ ގޮތަކަށް މަސައްކަތް ކޮށްދެއްވުމަށް ގޮވާލާފަ އެވެ. އަދި މިހާލަތުން އަރައި ގަތުމުގައި ޕާޓީގެ މަސްލަހަތު ދޫކޮށް، ގައުމީ އެއްބައިވަންތަ ކަމަށް ޖާގަ ދެއްވުން ވެގެންދާނީ، ދިވެހި ކޮންމެ ރައްޔިތެއްގެ ރައްކާތެރި ކަމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ކަމަށް އިދިކޮޅުން ބުނެއެވެ. އަދި އެއީ ރާއްޖޭގެ އިގްތިސާދުވެސް ސަލާމަތް ކުރުމުގައި އެޅޭނެ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށް އިދިކޮޅުން ބުނެއެވެ.

އަދި ގައުމުގައި މިވަގުތު އޮތް އިދިކޮޅު ޕާޓިގެ ގޮތުގައި ހަރަކާތް ތެރުވަނީ އެކޯލިޝަނުން ކަމަށާއި، ރާއްޖޭގެ ތަރައްގީއާއި، އިގްތިސާދަށް ބޮޑެތި ކުރި އެރުންތަކެއް ރައީސް ޔާމީންގެ ޒައާމަތުގައި ގެނެސްދެވިފައި ވާކަމީ ދެބަސްނުވެވޭނެ ހަގީގަތެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.

އިދިކޮޅުން ކޯލިޝަނުން ބުނީ ރާއްޖެ މިހާރު އޮތް ހާލަތުގައި ރައްޔިތުންނާއި ވިޔަފާރިތަކަށް ވަމުންދާ ގެއްލުން ކުޑަ ކުރެވޭނެ ގޮތަކަށް މަސައްކަތް ކޮށްދެއްވުމަށް ގޮވާލާކަމަށާއި، ކޮވިޑް19 އާއި ގުޅިގެން އިންސާނިއްޔަތަށް އޮތް ނުރައްކާ އިންތިހާއަށް ބޮޑުވެ، ގައުމުތަކުގެ އިގްތިސާދު އެފުށް މިފުށަށް ޖެހެމުންދާ މިދުވަސްވަރު، ދިވެހި ޖުމްހޫރިއްޔާގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ގައުމުގެ މަސްލަހަތު އިސްކޮށް، ގައުމުގެ ހާލަތު ވީ އެންމެ އަވަސް ފުރުސަތެއްގައި އެޕާޓީއާއި ހިއްސާ ކޮށްދެއްވުމަށް އެދޭ ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން ވަނީ މީގެ ކުރިންވެސް ސަރުކާރުން އިއުލާނުކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ އެހީތެރިކަމުގެ ޕްރޮގްރާމުން އާންމު ރައްޔިތުންނަށް ސީދާ އަސަރެއް ނުކުރުމުގެ އިތުރަށް، ވިޔަފާރިތަކަށާއި، އިގްތިސާދަށް އެފައިސާއިން ކުރަން ގަސްތު ކޮށްފައިވާ އެއްވެސް ކަމެއްގެ ތަފްސީލެއް މިހާތަނަށް ހާމަކޮށްފައި ނުވާތީ އެކަމާ ސުވާލު އުފައްދާފައެވެ.

އިދިކޮޅު ކޯޅިޝަނުން ބުނީ އެކަމުގެ އެއްވެސް ތަފްސީލެއް ނެތުމާއި، ފައިސާ މެނޭޖް ކުރުމުގައި ދެފުށް ފެންނަ ހަރުދަނާ އުސޫލެއް މިހާ ހިސާބަށް އައި އިރުވެސް ގާއިމްވެފައި ނުވުމީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މީގެއިތުރުން އިދިކޮޅުން ވަނީ މިހާލަތުގައި ދިވެހި ރައްޔިތުންނަށް ބޭނުންވާ އަސާސީ ބާވަތްތަކުގެ ކާޑާއި، ބޭސް ފަދަ ބާވަތްތަކާއި، ފިޔާ، ބިސްއަދި ތަރުކާރި މޭވާ ފަދަ ބާވަތްތައް ދަތި ނުވެ ރައްޔިތުންނަށް ލިބޭނެ ކަން ކަށަވަރު ކޮށްދިނުމަށްވެސް ދިވެހި ސަރުކާރަށް ގޮވާލާފައެވެ. އަދި މިކަމަށް ގޮވަލާފައިވަނީ އެ ބާވަތްތަކުގެ މުދާ ރާއްޖެއަށް އާންމު ގޮތެއްގައި އެތެރެ ކުރާ ގައުމުތަކުގެ ބޯޑަރު ބަންދު ކޮށްފައިވާތީ ކަމަށް އިދިކޮޅުން ބުނެއެވެ.

ސަރުކާރުން މިހާތަނަށް އަމަލު ކުރަމުން ދިޔަ ގޮތަށް ރިއާޔަތްކޮށް އިދިކޮޅު ކޯލިޝަނުން ބުނީ، ރާއްޖޭގެ ގައުމީ ބޭންކަށް ބޮޑެތި ބުރަތައް އުފުލުމަށް މަޖުބޫރުވާ ހާލަތަށް ސަރުކާރު ނުފޫޒު ފޯރުވަފާނެ ކަމުގެ ބިރު އޮތްކަމަށެވެ. އެހެންކަމުން ގައުމީ ބޭންކަށް ބުރަ އުފުލޭނެ ނިސްބަތަށް ފަރުވާތެރި ވުމަށްވެސް އެ ކޯލިޝަނުން ވަނީ ގޮވާލާފައެވެ.

މީގެ އިތުރަށް ރާއްޖޭގެ ބޭރު ފައިސާ، ހާއްސަކޮށް އެމެރިކާ ޑޮލަރުގެ ބޭނުން ބޮޑުވެފައި އޮންނަ އޮތުމާއެކު، ދުނިޔެ މިވަގުތު ވެއްޓިފައިވާ އަނދަވަޅުގައި، ޑޮލަރު ސާކިއުލޭޝަން އާއި ޑޮލަރުގެ އަގާއި، ޑޮލަރު ލިބުމަށް ހުރަސް ތަކެއް ވާނަމަ އެކަންވެސް ސާފުކޮށްދެއްވުމަށް ވަނީ އެދިފައެވެ.

ރާއްޖޭގެ ގިނަ ރިސޯޓްތަކާއި، ގެސްޓް ހައުސްތަކާއި، ސަފާރީތައް ބަންދުކޮށްފައިވާ މިދަނޑިވަޅުގައި، އެފަރާތްތަކުގައި ވަޒީފާއަދާކުރާ އެތައްހާސް ދިވެހިންނެއްގެ ވަޒީފާ ގެއްލުން ފަދަ ފޫނުބެއްދޭ ވަރުގެ ގެއްލުންތަކަކީ ފުން ވިސްނުމެއްގައި ސަރުކާރުން ހިއްސާ ކުރަންޖެހޭ ކަމެއް ކަމަށް އިދިކޮޅުން ބުނެއެވެ. އަދި މިފަދަ ހާލަތެއްގައި ޕެންޝަން ފަންޑުން ކުރެވޭނެ ބޭނުންތައް ދެނެގަނެ، އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ.

އަދި އޭގެ އިތުރަށް، ސަރުކާރުގެ އެތައް ހާސް މުވައްޒަފުން ނާއި، ޓީޗަރުންނާއި، ސިއްހީ ދާއިރާގެ މުވައްޒަފުން ފަދަ މުހިންމު ފަރާތްތަކަށް ކުރިއަށް އޮތް 3 މަސް ދުވަހުގެ މުސާރަ އާއި އިނާޔަތްތައް ދެވޭނެކަން ކަށަވަރުކޮށް ދެއްވުމަށް ވެސް އިދިކޮޅު ކޯލިޝަނުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

އަދި މިހާލަތުގައި ގައުމީ އެއްބައި ވަންތަކަން އިސްކުރެއްވުމަށް ރައީސް ސޯލިހުގެ އަރިހުން އެ ކޯލިޝަނުންވަނީ އެދިފައެވެ. އަދި ވީ އެންމެ އަވަހަކަށް އެޕާޓީއާއި ކަންކަން ހިއްސާކޮށް، ގައުމީ ރޫހުގައި މަސައްކަތް ކުރުމަށްވެސް ގޮވާލާފައެވެ.