މިހާތަނާ ޖެހުނުއިރުވެސް ކަނޑައެޅިގެން ވަކި ފަރުވާއެއް އަދި ކަށަވަރުވެކްސިން އެއްވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވާ މީހުން ދެނެގަތުމަށް ހާއްސަކޮށްގެން އިންޑިއާއިން އަމިއްލަ ޓެސްޓް ކިޓެއް އުފައްދައިފިއެވެ.
މި ޓެސްޓް ކިޓް އުފައްދާފައިވަނީ އިންޑިއާގެ ޕޫނާގައި ހިންގާ މޮލެކިއުލާ ޑައިގްނޯސްޓިކް ކުންފުންޏެއް ކަމަށްވާ 'މައިލެބް'އިންނެވެ. މައިލެބްއަކީ ކޮވިޑް-19އަށް ޓެސްޓުކުރުމަށް ބޭނުންކުރާ އާލާތްތައް އުފެއްދުމަށް ލައިސަންސް ކަށަވަރުކުރި އިންޑިއާގެ ފުރަތަމަ ކުންފުންޏެވެ. އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗް (އައިސީއެމްއާރް)އިންވަނީ ވިޔަފާރި އުސޫލުން މި ޓެސްޓް ކިޓް ވިއްކުމަށްވެސް މައިލެބްއަށް ހުއްދަ ދޫކޮށްފައެވެ.
އިންޑިއާގައި މިހާރު ބޭނުންކުރަމުންދާ ކޮވިޑް-19 ޓެސްޓް ކިޓްތަކުން ނަތީޖާ ލިބެނީ 4 ވަރަކަށް ގަޑިއިރުން ކަމަށްވާއިރު، މައިލެބްގެ ކިޓުން 2 ގަޑިއިރާ 30 މިނެޓްގެ ތެރޭގައި ނަތީޖާ ނެރެވެއެވެ. މި ކިޓް ވިއްކުމަށް މައިލެބްއިން ވިސްނަމުންދަނީ 1200 ރުޕީޒްއަށް ކަމަށް ޚަބަރު ލިބެއެވެ.
އިންޑިއާއިން ކޮވިޑް-19އަށް ޓެސްޓުކުރާ މީހުންގެ އަދަދު މަދުވުމަކީ ގިނަ ބަޔަކު އިންތިހާއަށް ކަންބޮޑުވުންފާޅުކުރަމުންދާ ކަމެކެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ ރެކޯޑްތަކަށް ބަލާއިރު އިންޑިއާއިން ކޮވިޑް-19އަށް ޓެސްޓުކުރަނީ ކޮންމެ 1 މިލިއަން މީހަކުން 15 މީހުންނެވެ. މިއީ ދުނިޔޭގެ ނިސްބަތުން ބަލާއިރު އިންތިހާއަށް ދަށް މިންވަރެކެވެ.
މައިލެބްއިން އުފެއްދި ޓެސްޓް ކިޓްތަކުގެ ފުރަތަމަ ބެޗް، މިއަދުގެ ވަގުތެއްގައި ބާޒާރަށް ނެރޭނެ ކަމަށް ޚަބަރު ލިބެއެވެ.