އަވަށްޓެރި އިންޑިއާއަށް އާންމު ދުވަހަކީ މީހުންނާ ދުއްވާ އެއްޗެހިން މަގުތައް ފުރިފައި އޮންނަ ދުވަހެކެވެ. ދޭދޭ މީހުންގެ ވާހަކަތަކާ، އުޅަނދުތަކުގެ އިންޖީނާ ބަރުގޮނުގެ އަޑު ކަނޑައިގެންދާ ވަގުތެއް ނާދެއޭ ދެންނެވިދާނެއެވެ. ނަމަވެސް ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒްގެ ނުރައްކާ އިންތިހާއަށް ބޮޑުވަމުން ދާއިރު، އެ ބަލި ކޮންޓްރޯލް ކުރުމަށް ރޭ މެންދަމު 00:00 އިން ފެށިގެން މުޅި އިންޑިއާވަނީ ލޮކްޑައުންކޮށްފައެވެ. 21 ދުވަހުގެ މުއްދަތަކަށެވެ.

ލޮކްޑައުންގެ ފުރަތަމަ ދުވަހަށް އަލިވިލުނުއިރު މަންޒަރު ބަދަލުވެއްޖެއެވެ. ކާރުބާރު ބޮޑު މަގުތައް ފަޅުވެއްޖެއެވެ. މީހެއްގެ ހިލަމެއްވެސް ނެތެވެ. ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމުގައި ކޮޅުކޮޅަށް ދުއްވާ މީހުން ތިވެނީ ރައްކާތެރި ކަމުގެ ގޮތުން އަޅަންޖެހޭ ހުރިހާ އެއްޗެއް އަޅައިގެންނެވެ. ފަތުއަޑުކިއާފައި ކުރިއަށްދިޔަ އުމްރާނީ ބިނާވެށީގެ މަސައްކަތްތައް އޮތީ ހުއްޓުމަކަށް އައިސްފައެވެ. މޮހޮރެއްގައި ޖަހާލާ އަޑުވެސް ނީވޭ ފަދައެވެ.

ކަޝްމީރުގެ ފޮޓޯ ޖާނަލިސްޓް މުނީބު އުލް-އިސްލާމް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރަނީ/ފޮޓޯ: ޓެލެގްރާފް އިންޑިއާ

ދުނިޔޭގައި 2 ވަނައަށް އެންމެ އާބާދީ ބޮޑު ގައުމަކީ އިންޑިއާއަށްވާއިރު، ދުނިޔޭގައި 5 ވަނައަށް އެންމެ ވަރުގަދަ އިގުތިސޯދު އޮތީވެސް އެގައުމުގައެވެ. 1.34 ބިލިއަން މީހުންގެ އާބާދީއެއް އޮތް އިންޑިއާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ބަޔަކު އެކި ބޭނުންތަކަށް ދަތުރުކޮށް އުޅޭ މަންޒިލެކެވެ. މީގެ ތެރެއިން ބައެއް މީހުން މިހާރުވެސް ތިބީ އިންޑިއާގައި ތާށިވެފައެވެ. ކަންމިހެން އޮތްއިރު، އާބާދީގެ ނިސްބަތުން ބަލާއިރު އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކޭސްތަކުގެ ރަސްމީ ރެކޯޑް ދަށްކަން ފާހަގަކުރަންޖެހެއެވެ. ރެކޯޑްތަކަށް ބަލާއިރު އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 536 އެވެ. މަރުވި މީހުންގެ އަދަދަކީ 10 އެވެ. އާބާދީގެ ނިސްބަތުން ބަލާނަމަ މިއީ ކޮންމެ 1 މިލިއަން މީހުންގެ ތެރެއިން 0.4 ޕޮޒިޓިވް ކޭސްއާއި 0.01 މަރެވެ. އިންޑިއާގެ އާބާދީގެ އެންމެ 3.8 ޕަސެންޓް މީހުންގެ އާބާދީއެއް އޮންނަ ދެކުނު ކޮރެއާއަށް ބަލާއިރު، އެގައުމުން އެކަނިވެސް 9000 އެއްހާ މީހުންވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ފެންނަން ފެށި ޗައިނާއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު އެންމެ އާބާދީ ބޮޑު ގައުމެވެ. 1.39 ބިލިއަން މީހުންގެ އާބާދީއެއް އޮތް ޗައިނާއިން މިދިޔަ އަހަރުގެ ފަހުކޮޅު މި ބަލި ފެނުނު ފަހުން އަދާ ޖެހުނު އިރު 81000އަށްވުރެ ގިނަ މިހުން ވަނީ ޕޮޒިޓިވްވެފައެވެ.

ކަޝްމީރުގެ ރަސްމީ އޮފީހެއްގައި އިންޓަނެޓް ޚިދުމަތް ހޯދަން އާންމުން ޖަމާވެފައި/ފޮޓޯ: މުޚުތާރު ޒަހޫރު

ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ސަރުކާރުން އަދިވެސް ބުނަމުންދަނީ އެގައުމުގައި ކޮމިއުނިޓީ ސްޕްރެޑް ނުވަތަ ބަލިޖެހިފައިވާ މީހަކާ ސީދާ ގޮތުން ގުޅުމެއްނެތް މީހެއްގެ ގައިން މި ބަލި ފެނިފައި ނުވާކަމަށެވެ. ކަންމިހެން އޮތްއިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިންވަނީ ކޮވިޑް-19އާ ގުޅުންހުރި ކަންކަމުގައި އިންޑިއާއިން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފުކޮށްފައެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އިންޑިއާއިން އެޅި ވަރުގަދަ ފިޔަވަޅުތަކުގެ ތެރޭގައި ޓޫރިސްޓް ވިސާ ދިނުން ހުއްޓާލުމާ، ބައިނަލްއަގުވާމީ ކޮމާޝަލް އުދުހުންތަކާ، އެތެރޭގެ އުދުހުންތައް ހުއްޓާލުން ފަދަ ވަރުގަދަ ފިޔަވަޅުތައް ހިމެނެއެވެ.

ކަންމިހެން އޮތްއިރު ތަޖުރިބާކާރުންގެ ވާހަކަ ތަފާތެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި އިންޑިއާގައި ބަލިމަޑުކަމުގެ ހުޅުގަނޑު ފަޅައިގެން ދިއުން އޮތީ މާ ދުރަކު ނޫނެވެ. އަދި ކޮވިޑް-19އަށް މީހުން ޓެސްޓުކުރަނީވެސް އެކަށީގެންވާ މިންވަރަކަށް ނޫންކަމަށް ސިއްހީ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

ކޮވިޑް-19ގެ ނުރައްކަލާއެކުވެސް އިންޑިއާގެ ހިންދޫން ވަނީ ހޯލީގެ ހަރަކާތްތައް ފަށާފަ/ފޮޓޯ: ޑީނާއިމޭޖް

21 ދުވަހުގެ ލޮކްޑައުންއަކަށް އިންޑިއާ ތައްޔާރުކަމުގައި ބުނެވިދާނެއެވެ. އަދި ބަލިމަޑުކަން ކޮންޓްރޯލްކުރުމަށް ހަރުކަށިފިޔަވަޅުތަކެއް ތަންފީޒުކުރުމަށްވެސް އެގައުމު ތައްޔާރުކަމުގައި ބުނެވިދާނެއެވެ. ނަމަވެސް އުފެދޭ ސުވާލަކީ، ބަލިމަޑުކަމުގެ ހުޅުގަނޑު ފަޅައިގެން ހިނގައްޖެނަމަ ދެން ކުރިމަތިލާންޖެހޭ ކަންކަމަށް އިންޑިއާ ތައްޔާރުތޯ ކުރެވޭ ސުވާލެވެ.