ރޭ މެންދަމު 00:00 އިން ފެށިގެން 21 ދުވަހުގެ މުއްދަތަކަށް އަވަށްޓެރި އިންޑިއާ ލޮކްޑައުން ކުރާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ އިއުލާން ކުރެއްވުމާއެކު އާންމު ރައްޔިތުން ހާސް ކަމެއްގެ ތެރޭގައި ގޮސް ގިނަ އަދަދެއްގެ މުދާ ގަތުމާއެކު، އިންޑިއާގެ ބައެއް ފިހާރަތަކުން އަސާސީ އަދި ޒަރޫރީ ބައެއް މުދަލުގެ ސްޓޮކް މުޅިން ހުސްވެފައިވާކަމަށް ވިޔަފާރިވެރިން ބުނެފިއެވެ.

ލޮކްޑައުން ފެށުމުގެ ސުންގަޑި ގާތްވަމުންދިޔަ ވަރަކަށް ފިހާރަތަކާ ބޭސް ފިހާރަތަކުގެ ކައިރީގައި ސަފު ހެދި މީހުންގެ އަދަދުވެސް ދިޔައީ އިތުރުވަމުންނެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މަސައްކަތްކުރަމުން އަންނަ ވިޔަފާރިވެރިއަކު ބުނީ އޭނާގެ ހަޔާތުގައިވެސް މިފަދަ ކަމެއް ނުދެކޭ ކަމަށާ، ހަނޑު، ފުށް، ޕާން، ބިސްކޯދު އަދި ތޮޔެ ހިމެނޭ ގޮތަށް އެ ފިހާރައިގެ ސްޓޮކް ހުސްވެފައިވާކަމަށެވެ.

މިހާތަނަށް ފަރުވާއެއްވެސް ހޯދިފައިނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑަ-19) ކޮންޓްރޯލް ކުރުމަށް އިންޑިއާއިން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކާއެކު، ޒަރޫރީ ހިދުމަތްތަކާ ގުޅުންނެތް ވިޔަފާރިތައް ބަންދުކުރަންޖެހެއެވެ. ނަމަވެސް ސިއްހީ ބޭސްފަރުވާއާއި ގުޅޭ ހުރިހާ ހިދުމަތެއް، މެދުނުކެނޑި ކުރިއަށްދާނެ ކަމަށް ޚަބަރު ލިބެއެވެ. ސްކޫލްތަކާ ޔުނިވާސިޓީތައް ބަންދުކޮށްފައިވާއިރު އާންމު އެއްވުންތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ.

އިންޑިއާގައި 21 ދުވަހުގެ މުއްދަތަށް އިއުލާންކޮށްފައިވާ ލޮކްޑައުން ހާލަތުގެ އަމުރަށް ނުކިޔަމަންތެރިވެއްޖެނަމަ ބޮޑު އަދަދުތަކަކުން އެމީހަކު ޖޫރިމަނާކޮށް، 2 އަހަރު ދުވަހަށް ޖަލަށްލުމަށްވެސް އިންޑިއާގެ ކަމާބެހޭ ފަރާތްތަކަށް ބާރު ލިއްބައިދެއެވެ.

އިންޑިއާއިން މިހާރުވެސް ދަނީ ބައިނަލްއަގުވާމީ އުދުހުންތަކާ، އެތެރޭގެ އުދުހުންތައް މެދުކަނޑާލާ، އެއްގަމު ދަތުރުފަތުރުގެ ބޮޑު ނެޓްވާކްތަކެއް މެދުކަނޑާލާފައެވެ.

ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި ފެނުނު 34 ކޭސްއާއިއެކު އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 536އަށް އަރާފައެވެ. 40 މީހަކު ފަރުވާކޮށްގެން ރަނގަޅުވެފައިވާއިރު، 10 މީހެއްގެ ފުރާނަވަނީ ގެއްލިފައެވެ.