ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށް އަވަށްޓެރި އިންޑިއާ 21 ދުވަހުގެ ފުރިހަމަ ލޮކްޑައުންއަކަށް ގެންދިއުމަށް އެގައުމުގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ނިންމަވައިފިއެވެ.

މިއަދު އެކަނިވެސް އިންޑިއާއިން 30 އަށްވުރެ ގިނަ މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު އެގައުމުން މި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 536 އަށް އަރާފައެވެ.

21 ދުވަހުގެ މުއްދަތަށް އިންޑިއާ ލޮކްޑައުން ކުރަނީ މިރޭ މެންދަމު 00:00 އިން ފެށިގެންނެވެ.

21 ދުވަހުގެ ލޮކްޑައުން އިއުލާންކުރައްވާ ޓީވީ މެދުވެރިކުރައްވާ ތަގުރީރުކުރައްވަމުން މޯދީ ވިދާޅުވީ ކުރިއަށް އޮތް 21 ދުވަހުގެ ތެރޭގައި ކަންކަން މެނޭޖު ނުކުރެވިއްޖެނަމަ އިންޑިއާ ދާނީ 21 އަހަރު ފަހަތަށް ކަމަށެވެ. އިންޑިއާ މިހާރު އޮތީ، ކުރިމަތިވެފައިވާ ކާރިސާގެ ކަންކަން ބައްޓަންވެގެންދާ ގޮތެއް އަދުގެ އަމަލުތަކާ ގުޅިފައިވާ ހާލެއްގައި ކަމަށްވެސް މޯދީ ވަނީ ވިދާޅުވެފައެވެ.

ސޯޝަލް ޑިސްޓަންސިންގް ނުވަތަ އިޖުތިމާއީ ގައި ދުރު ކަމަކީ ކޮވިޑް-19އާ ދެކޮޅަށް މިވަގުތު އެޅެން އޮތް އެންމެ ބިނާކުރަނިވި ފިޔަވަޅު ކަން ފާހަގަކުރައްވަމުން މޯދީ ވަނީ، ކޮންމެ ހާލެއްގައިވެސް މިކަމަށް ސަމާލުކަން ދިނުމަށް އިންޑިއާގެ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ގައުމާ މުހާތަބުކުރައްވާ މަންޒަރު ބަލަން އާންމުންގެ ބަޔަކު ޖަމާވެފަ/ފޮޓޯ: ރޮއިޓާޒް

މޯދީ ވަނީ މި ހަފުތާގެ ކުރީކޮޅު އިންޑިއާގައި 14 ގަޑިއިރަށް ކުރިއަށް ގެންދިޔަ ކާފިއު އަށް އާންމުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކުރައްވާ އެކަމަކަށް ޝުކުރު އަދާކުރައްވާފައެވެ.

އިންޑިއާގެ ހާރިޖީ ވުޒާރާއިންވަނީ ލޮކްޑައުން ހާލަތުގައި އެގައުމުން އަމަލުކުރަމުންދާނެ އުސޫލުތައް ބަޔާންކޮށް އިއުލާންތައް އާންމުކޮށްފައެވެ.

އިންޑިއާއިން މިހާރު ފެންނަމުންދާ ކޮވިޑް-19ގެ ކޭސްތަކަކީ އިންޑިއާއަށް ދަތުރުކޮށްފައި އަންނަ ފަރާތްތަކުގެ ކިބައިންނާ، އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ވާރުތަވެގެން ފެތުރޭ ކޭސްތަކެކެވެ. ނަމަވެސް މިއީ ފަރާތަކާ ގުޅުން ނެތް ގޮތަށް ކޮމިއުނިޓީ ޓްރާންސްފާ ހާލަތަށް އަދި ގޮސްފައި ނުވާކަމަށް ޚަބަރު ލިބެއެވެ.