ކަރަންޓީން ފެސިލީޓީއެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ހުޅުލޭ އައިލެންޑް ހޮޓެލް އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލު ކުރަން ނިންމައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ހުޅުލޭ އައިލެންޑް ހޮޓެލް އައިސޮލޭޝަ ފެސިލިޓީތަކަށް ބަދަލުކުރަން ނިންމާފައިވާތީ މިހާރު އެތަނުގައި ކަރަންޓީނު ކުރެވިފައިވާ މީހުން މާލެ ކައިރީ ކަރަންޓީން ފެސިލިޓީކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން ކަރަންޓީން ފެސިލިޓީތަކަށް މީހުން ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން ދާއިރު އުމުރުން ދޮށީ މީހުންނާއި ދިގު މުއްދަތަށް ބޭސްކުރަމުންދާ މީހުންނާއި ކުޑަކުދިން މާލެ ކައިރީގައި ހުރި ކަރަންޓީން ފެސިލިޓީއަކަށް ބަދަލު ކުރުމުގެ އިންތިޒާމްތައް ރޭވޭނެ ގޮތަކަށް ބަލައިގެން އެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މީގެ ކުރިން އައިސޮލޭޝަން ފެސިލީޓީއެއްގެ ގޮތުގައި ބޭނުން ކޮށްފައި ވަނީ ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލީޓީއާއި ވެލިދޫ އައިސޮލޭޝަން ފެސިލިޓީއެވެ. މީގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލުގައިވެސް އައިސޮލޭޝަން ފެސިލިޓީއެއް ހުރެއެވެ.
މީގެ އިތުރުން މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ހދ. ކުޅުދުއްފުށި ސިޓީގައި ފްލޫ ކްލިނިކެއް ހުޅުވާފައިވާ ކަމަށެވެ. އެ ކްލިނިކުން ހެންދުނު 9:00 އިން 12:00 އަށް އަދި މެންދުރު ފަހު 1:00 އިން ހަވީރު 4:00 އަށް ހިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ.
މިހާތަނަށް ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ 13 ބިދޭސީންނެވެ. މިއަދާ ހަމައަށް އޭގެތެރެއިން ޖުމްލަ 5 މީހަކު ވަނީ މި ބަލިން ރަނގަޅު ވެފައެވެ. ބާކީ ތިބި 8 މީހުންނަށް ފަރުވާދެމުން ދާ އިރު އެމީހުންގެ ހާލު ރަނގަޅެވެ.