ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް އަވަށްޓެރި ސްރީލަންކާގައި އިއުލާން ކޮށްފައިވާ ކާފިއުގެ އަމުރަށް ވަގުތީ ލުޔެއް ދިނުމާއެކު ވިޔަފާރި މަރުކަޒުތައް ކައިރީގައި އެތައް ހާސް އާންމުންނެއް ސަފު ހަދާލައިފިއެވެ.

ޒަރޫރީ ބޭނުންތަކަށް ކޮންމެހެން ބޭނުންވާ ސާމާނު ގަތުމަށް ލަންކާގެ ފިހާރަތައް ކައިރީގައި ކިއު ހެދުމަށް ލަންކާ ސަރުކާރުން ހުއްދަ ދީފައި ވަނީ ކޮންމެ ދެ މީހެއްގެ ދެމެދުގައި އެންމެ މަދުވެގެން 1 މީޓަރުގެ ހުސް ޖާގައެއް ބޭއްވުމަށް ފަހުގައެވެ. އެއީވެސް ފަސޭހައިން އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ވާރުތަކުރާ ކޮވިޑް-19 ފެތުރުމުގެ ނުރައްކާ ވީހާވެސް ކުޑަކުރުމަށެވެ.

ވިޔަފާރި މަރުކަޒުތައް ކައިރީގައި ގިނަ އަދަދެއްގެ ބަޔަކު ސަފު ހަދާފައި ވާއިރު، ސްރީލަންކާގައި ދިރިއުޅެމުން ދާ ދިވެހި އާއިލާއަކުން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ، ފިހާރައިގެން ނަން ބޯޑު ފެންނަ ވަރުވީވެސް 4 ވަރަކަށް ގަޑިއިރު ކިއުގައި ހުރެގެން ކަމަށެވެ. ފިހާރައަށް ވަދެވުނު އިރު ހުރި ހުރިހާ އެއްޗެއް ހުރީ ހުސްވެފައި ކަމަށާ، ދެން އެ ފުރުސަތު ލިބެން އޮތީ އަންނަ ހުކުރު ދުވަހު ކަމަށްވެސް އެ އާއިލާއިން ވަނީ "ދަ ޕްރެސް" އަށް ބުނެފައެވެ.

ލަންކާގެ ފިހާރައެއްގެ ކައިރީގައި ކިއުގައި ހުރި ދިވެއްސަކު ހިއްސާކޮށްފައިވާ މަންޒަރެއް/ފޮޓޯ: ސޯޝަލް މީޑިއާ

ކާފިއުގެ އަމުރު 8 ގަޑިއިރަށް ލުއި ދީފައި އޮތްއިރު ކޮންމެހެން ގަންނަން ޖެހޭ އެއްޗެހި ގަތުމަށް ކޮންމެ ގޭބިސީއަކުންވެސް ނިކުމެވޭނީ 1 އަށް ކަން ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. ކާފިއުއަށް ލުއިދީފައި އޮތް ސުންގަޑި ހަމަވާނީ ލަންކާ ގަޑިން މެންދުރު 02:00 ޖަހާއިރުއެވެ.

ކޮވިޑް-19އަށް ސްރީލަންކާއިން 97 މީހަކު ޕޮޒިޓިވް ވެފައި ވާއިރު 2 މީހަކު ވަނީ ފަރުވާ ހޯދައިގެން ރަނގަޅު ވެފައެވެ. ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ލަންކާ ސަރުކާރުން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކަށް ނުކިޔަމަންތެރިވާ މީހުންނަކީ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންދެވޭނެ ބައެއް ކަމުގެ އިންޒާރު، ސްރީލަންކާއިން ވަނީ ދީފައެވެ.