މިއަހަރުގެ ހޫނު މޫސުމުގެ ދުވަސްވަރު ޖަޕާނުގައި ކުރިއަށް ގެންދިއުމަށް ތާވަލުކުރި ބައިނަލްއަގުވާމީ އޮލިމްޕިކްސް ކުޅިވަރު މުބާރާތް "ޓޯކްޔޯ 2020" 1 އަހަރު ދުވަހުގެ މުއްދަތަކަށް ފަސްކުރާނެ ކަމަށް، ބައިނަލްއަގުވާމީ އޮލިމްޕިކްސް ކޮމިޓީ (އައިއޯސީ)ގެ މެމްބަރު ޑިކް ޕައުންޑް ހާމަކޮށްފިއެވެ.

މިފަދަ ނިންމުމެއް މި ނިންމަނީ، ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑީޒީޒް (ކޮވިޑް-19)ގެ ނުރައްކާ ބޮޑުވެ، ކެނެޑާއާއި އޮސްޓްރޭލިއާއިން "ޓޯކްޔޯ 2020"އަށް ޓީމުތައް ނުފޮނުވާނެ ކަމަށް ބުނެފައިވަނިކޮށެވެ. އިނގިރޭސިވިލާތުންވެސް ވަނީ އެފަދަ ވިސްނުންތަކެއް ހުރިކަން ހާމަކޮށްފައެވެ.

ޕައުންޑް ބުނީ އައިއޯސީއަށް ލިބިފައިވާ މައުލޫމާތަށް ބަލާ، މުބާރާތް ފަސްކުރަން ނިންމާފައިވާކަމަށާ ކުރިން ރާވާފައިވާ ގޮތަށް ޖުލައި 24 ވަނަ ދުވަހު މުބާރާތް ނުފަށާނެ ކަމަށެވެ.

އައިއޯސީއިން ވަނީ މިކަމާ ގޮތެއް ނިންމުމަށް 4 ހަފުތާއެއްހާ ދުވަހުގެ މުހުލަތެއްގެ ބޭނުން ހިފާނެކަން ހާމަކޮށްފައެވެ.

ޕައުންޑް ބުނީ އައިއޯސީގެ ނިންމުން ވަރަށް އަވަހަށް އިއުލާން ކުރެވޭނެ ކަމަށާ، މިކަން އިއުލާންކުރަމުންދާނީ މަރުހަލާތަކަކަށް ބަހާލައިގެން ކަމަށެވެ.

1 އަހަރު ދުވަހަށް ކުޅިވަރު މުބާރާތް ފަސްކޮށްދިނުމަށް ކެނެޑާއިންވަނީ އައިއޯސީއާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އަށްވެސް ގޮވާލާފައެވެ.

ވާލްޑް އެތްލެޓިކްސްގެ ރައީސް ލޯޑް ކޯ ބުނީ ކުޅިވަރު މުބާރާތް ފަސްކުރުމަކީ އެއްވެސް މީހަކު އެދޭނެ ގޮތެއް ނޫންކަމަށާ، ނަމަވެސް މފަދަ ދަނޑީވަޅެއްގައި މުބާރާތް ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށެވެ. މިފަދަ ދަނޑިވަޅެއްގައި މުބާރާތް ކުރިއަށް ގެންދިއުމަކީ އިންސާފު ނޫން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ކޮވިޑް-19އާ ގުޅިގެން ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކާއެކު އެކަށީގެންވާ ގޮތެއްގައި ތަމްރީނު ކުރުމުގެ ފުރުސަތު ބައެއް ކުޅުންތެރިނަށް ގެއްލިފައިވާއިރު، މުބާރާތާ ކައިރިވާ ވަރަކަށް ކުޅުންތެރިންގެ ފަރިތަކުރުންތައް އިންތިހާއަށް ވަރުގަދަކޮށް، އަނިޔާ ލިބުމުގެ ފުރުސަތު ބޮޑުވާނެކަންވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ކުޅުންތެރިންގެ ނަފްސާނީ ދުޅަހެޔިކަމަކީވެސް މުބާރާތަކަށް އިންތިހާއަށް މުހިންމު ކަމެއްކަންވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.