ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށް އެކި ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ސްކޫލްތަކާ ތައުލީމު ފޯރުކޮށްދޭ މުއައްސަސާތަކުގެ ކުލާސްތައް ބަންދުކޮށްފައި ވާއިރު، ދުބާއީގެ ސްކޫލަކުން މިކަމުގައި އާދަޔާ ހިލާފު މިސާލެއް ދައްކައިފިއެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން 2 ހަފުތާގެ މުއްދަތަށް ދުބާއީގައިވެސް ސްކޫލްތައް ބަންދުކޮށް އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް ކިޔަވާ ދިނުމަށް ކަންކަން ހަމަޖައްސަމުން ދާއިރު، ދުބާއީގައި ހިންގާ ދިއްލީ ޕްރައިވެޓް ސްކޫލް (ޑީޕީއެސް)ގެ މުވައްޒަފުން ވަނީ، ދަރިވަރުންނަށް ބޭނުންވާ ފޮތާ، އެފަދަ ލިޔެކިއުންތައް ދަރިވަރުންގެ ގެތަކަށް ފޯރުކޮށްދިނުމުގެ އަމަލީ މަސައްކަތްތައް ފަށާފައެވެ.
އެކުވެރި އަރަބި އިމާރާތުގެ ތައުލީމާ ބެހޭ ވުޒާރާގެ އެންގުމާ އެއްގޮތަށް ކުލާސްތައް އޮންލައިން ޕްލެޓްފޯމަށް ބަދަލުކޮށްފައި ވާއިރު މަސައްކަތު ކަރުހާދާ އެނޫންވެސް އިރުޝާދުތައް ހިމެނޭ ފޮތްތައް ދަރިވަރުންނަށް ފޯރުކޮށް ދިނުމުގައި، ސަލާމަތީ ހެދުމުގެ ގޮތުގައި ބޭނުންކުރަމުން އަންނަ ހެޒްމެޓް ސޫޓުގައި ހަރަކާތްތެރި ވަމުން ދަނީ ޑީޕީއެސްގެ މުވައްޒަފުންނެވެ.
މި ސްކޫލްގައި ކިޔަވާ ދަރިވަރުން ދިރިއުޅޭމުންދަނީ ދުބާއީއާއި ޝާރްޖާ ސަރަހައްދުގައި ކަމަށްވާއިރު، މި ސަރަހައްދުތަކަށް ފޮތްތައް ހިފައިގެން ދަތުރުކުރަމަށް ޑީޕީއެސް އިން ދަނީ 15-20 ދެމެދު އަދަދެއްގެ ސްކޫލް ބަސްވެސް އޮޕަރޭޓްކުރަމުންނެވެ. މި ފޮތްތަކަށް އޮންލައިން ޕްލެޓްފޯމު މެދުވެރިކޮށް ފައިސާ ދައްކަނީ ބެލެނިވެރިންނެވެ.
ހަމައެކަނި އޮންލައިން ޕްލެޓްފޯމެއް މެދުވެރިކޮށް ތައުލީމު ހާސިލުކުރަން މަޖުބޫރުވުމަކީ ބެލެނިވެރިންގެ މެދުގައި ކަންބޮޑުވުމެއް އުފެދިފައިވާ ސަބަބަކަށް ވީ ނަމަވެސް، ޑީޕީއެސްގެ މި އިސްނެގުމާއެކު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާކަމަށް އެ ސްކޫލްގެ ބެލެނިވެރިން ދަނީ ބުނަމުންނެވެ.
ކަންމިހެން އޮތްއިރު، މިއީ އެކަމުގައި ނުރައްކާތަކެއްވެސް އެކުލެވޭ ކަމެކެވެ. މިފަދަ މަސައްކަތްތައް ކުރަންވާނީ ކަމާބެހޭ ފަރާތްތަކުން ނަގަންޖެހޭ ހުއްދަތައް ނެގުމަށްފަހު، އެކަމަށް އޮންނަ އެންމެ ރައްކާތެރި ގޮތަކަށެވެ.
ޔޫއޭއީއިން މިހާތަނަށް 153 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު 2 މީހެއްގެ ފުރާނަވަނީ ގެއްލިފައެވެ.