ގޭގައި ތިބޭއިރު، ގެވެށި އަނިޔާ ރިޕޯޓް ކުރުމަށް ހަނދާން ނައްތާނުލާށެވެ.

ކޮވިޑް-19އާ ގުޅިގެން ޒަރޫރީ ބޭނުމެއްގައި މެނުވީ މަގުމައްޗަށާއި، ބޭރަށް ނިކުމެ ނޫޅުމަށް ކަމާބެހޭ ފަރާތްތަކުން އަންގާފައިވާއިރު، ގެވެށި އަނިޔާގެ އެއްވެސް އަމަލެއް ހިނގާނަމަ، މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އިން އެދިއްޖެއެވެ.

ޖެންޑާ މިނިސްޓްރީން ވަނީ، ގެވެށި އަނިޔާގެ އަމަލެއް ހިންގާނަމަ، 3328393 މި ނަންބަރަށް ގުޅާ ރިޕޯޓް ކުރުމަށް އެދިފައެވެ. އެ މިނިސްޓްރީން ވަނީ މަދު މައިތިރިކަން އިސް ކުރުމަށް ގޮވާލާފައެވެ. އެގޮތުން، އެކުގައި އުޅޢއިރު ހިތްހަމަ ނުޖެހޭ ކަމެއް ދިމާވިޔަސް މަދުމައިތިރިކަމާއެކު ވާހަކަ ދައްކައިގެން ހައްލު ކުރުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ޖެންޑާ މިނިސްޓްރީން މިހެން ބުނެފައިވާއިރު، ކޮވިޑް-19އާ ގުޅިގެން ސަރުކާރު ބަންދުކުރި ފަހުން ވެސް ވަނީ ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމުގެ 3 މައްސަލައެއް ފުލުހަށް ހުށަހަޅާފައެވެ. ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅާ ހުރިހާ މައްސަލަތަކަކީ އާންމު ކުރާ މައްސަލަތަކަށް ނުވާއިރު، މިފަދަ އެތައް މައްސަލައެއް ފެންމަތިވެފައި ހުންނާނެއެވެ.

ވޭތުވެދިޔަ 4 ދުވަސްތެރޭގައި ފުލުހަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި، ހުޅުމާލޭގައި އުމުރުން 7 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ހިމެނެއެވެ. މި މައްސަލާގައި ފުލުހުން ވަނީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. އަދި އުތުރުގެ ރަށެއްގައި 10 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ބިދޭސީއަކު ހައްޔަރުކޮށްފައިވާއިރު، އުތުރުގެ ރަށެއްގައި 15 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަައެއްގައި މިދިޔަ ހުކުރު ދުވަހު ވަނީ 20 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައެވެ.