ޖިންސީ ފުރައްސާރައާއި ގޯނާގެ މައްސަލަތަކެއްގައި 23 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ހޮލީވުޑްގެ ނުފޫޒުގަދަ ޕްރޮޑިއުސަރު ހާވީ ވައިންސްޓީންވެސް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވެފައި ވާކަމަށް އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އުމުރުން 68 އަހަރުގެ ވައިންސްޓީން ހުކުމް ތަންފީޒުކުރަމުންދަނީ ނިއު ޔޯލްގެ އުތުރުގެ ސަރަހައްދެއްގައި ހުންނަ ޖަލެއްގައެވެ.
ކޮވިޑް-19އަށް ވައިންސްޓީން ޕޮޒިޓިވްވިކަން އެމެރިކާގެ މީޑިއާއިން ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. މިކަމާބެހޭ ގޮތުން އެއްޗެއް ބުނުމަށް ވައިންސްޓީންގެ ތަރުޖަމާނުންވަނީ އިންކާރުކޮށްފައެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ކަރެކްޝަންސްގެ ބަހެއް ހޯދުމަށް އޭއެފްޕީއިން ކުރި މަސައްކަތްވެސް ނާކާމިޔާބުވެފައިވާކަމަށް ޚަބަރު ލިބެއެވެ.
23 އަހަރުގެ ޖަލު ހުކުމެއް އިއްވިފަހުން ވައިންސްޓީން ވަނީ މެންހެޓަންގެ ހޮސްޕިޓަލެއްގެ އިތުރުން 2 ޖަލެއްގައިވެސް ދުވަސްތަކެއް ހޭދަކޮށްފައެވެ.
އެމެރިކާގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާއިރު އެގައުމުގައި ތޮއްޖެހިފައިވާ ޖަލުތަކުގައި މި ބަލިމަޑުކަން ނުރައްކާ ދަރަޖައަކަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރުވެރިކަން ވަނީ އިންތިހާއަށްބޮޑުވެފައެވެ. އެމެރިކާގެ ބައެއް ޚަބަރުތައް ބުނާ ގޮތުގައި ވައިންސްޓީންވެސް ވަގުތުތަކެއް ހޭދަކުރި ރައިކާޒް ޖަލާ، ނިއު ޔޯކްގެ ސިންގް ސިންގް ޖަލުގެ ގާޑުންތަކެއް ހުސްވި ހަފުތާގައި ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ.
ޖޯން ހޮޕިކްސް ޔުނިވާސިޓީގެ ރެކޯޑްތައް ދައްކާ ގޮތުން އާދީއްތަ ދުވަސް ނިމުނުއިރު އެމެރިކާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 33000 އަށް އަރާފައެވެ. އަދި މި ބަލީގައި އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ 417 އަށް އަރާފައެވެ.
23 އަހަރުގެ ޖަލު ހުކުމެއް ވައިންސްޓީންގެ މައްޗަށް އިއްވީ ފެބުރުވަރީ މަހުއެވެ. އެއީ ޖިންސީ ގޯނާގެ ޖިނާއީ މައްސަލާގައެވެ.