ސަރުކާރު ބަންދުވިޔަސް، އެމްޕްލޯއިމަންޓް އެޕްރޫވަލަށް ހުށަހެޅޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، އަންނަ ބުރާސްފަތިދުވަހުގެ ނިޔަލަށް ސަރުކަރު ބަންދުވުމާ ގުޅިގެން އެ މިނިސްޓްރީން އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ދެމުންގެންދާ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ. ނަމަވެސް، މި ދަނޑިވަޅުގައި ބައެއް ފަރާތްތަކަށް ދޫކޮށްފައިވާ ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ނުވަތަ އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު ހަމަވެއްޖެނަމަ، އެކަމުގައި ދަތިތަކެއް ކުރިމަތިވެދާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު ހަމަވެއްޖެނަމަ، އެކަމުގައި ދަތިތަކެއް ކުރިމަތިވެދާނެތީ، އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު އިތުރު ކުރުމަށް ބޭނުންވާ ކޯޓާގެ މުއްދަތު އިތުރުކުރުމުގެ ހިދުމަތާއި އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މަސައްކަތް މި ހަފްތާތެރޭގައި ކުރިއަށް ގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު 12:00 އަށް އެކްސްޕެޓް އޮންަލއިން ސިސްޓަމް މެދުވެރިކޮށް ކޯޓާ އަދި އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު އިތުރު ކުރުމަށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ.
މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުން މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުކޮށްފައި ވަނީ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ އަދި ރާއްޖެއިން ވެސް ފެނިފައިވާ ކޮވިޑް-19އާ ގުޅިގެންނެވެ. އެގޮތުން ސަރުކަރު ބަންދުކޮށްފައި ވަނީ، ކޮވިޑް-19 ރާއްޖޭގައި ފެތުރިދާނެ ކަމުގެ ބިރު އޮތުމާއެކު، އެއްވުންތައް ކުޑަ ކުރުމުގެ ގޮތުންނެވެ.
ކޮވިޑް-19 ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައިވާ 13 ބިދޭސީއަކު ފެނިފައެވެ. އަދި އޭގެ ތެރެއިން 3 މީހުން މިހާރު ވަނީ ބަލިން ރަނގަޅުވެފައިވާ ކަމަށް ނިންމާފައެވެ.